ފުވައްމުލައް

ފުވަމުލަކު އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެންނަނީ

ފުވައްމުލަކުގައި ދުއްވާފައި ދިޔަ ސައިކަލެއް ނޭނގި ބުޅަލެއްގެ ގައިމައްޗަށް އަރައި ސައިކަލުން ވެއްޓުމުން އަނިޔާވި އަންހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 36 އަހަރުގެ އަންހެން މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައީ ރޭ 9:15 ހާއިރު އެވެ.

ފުވައްމުލަކު ދަނޑިމަގު އަވަށުގައި ހިނގި އެކްސިޑެންޓްގައި އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު ވިދާޅުވީ އަންހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިއަދު މެންދުރުފަހު 1:00ގެ ކުރިން އޭނާ މާލެ ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އޭނާގެ ބޮލަށް އަނިޔާވެފައި ހުރީ އަދި ހޮސްޕިޓަލަށް ގެނެވުނުއިރު ކަންފަތުން ވެސް ލޭވެސް އައިސްފައި ހުރީ،" އަންހެން މީހާއަށް ލިބުނު އަނިޔާގެ މައުލޫމާތު ހިއްސާކުރައްވަމުން ލިރާރު ވިދާޅުވި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލްގައި އަންހެން މީހާގެ 12 އަހަރުގެ ދަރިފުޅުވެސް އިނެވެ. ނަމަވެސް އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.