ޕީޕީއެމް

ހުރަސް އެޅުމަށްފަހު ރައީސްއާ ބައްދަލުކުރަން ފުރުސަތު ދީފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރުމަށް މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންނަށް ހުރަސް އެޅުމަށްފަހު ރައީސް އޮފީހަށް ވަނުމުގެ ފުރުސަތު ދީފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާކުރާ ކަމަށް ބުނެ އިދިކޮޅު ލީޑަޝިޕުން ރައީސް ސޯލިހްއާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ވަޑައިގެންނެވީ މިއަދު މެންދުރު 12:45 ގަ އެވެ.

ރައީސް ސޯލިހްއާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޤައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް އޮފީސް ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން މުޒާހަރާކުރަމުންދާތީ ސިފައިން ފުރަތަމަ ވަނީ ލީޑަޝިޕްގެ ބޭފުޅުންނަށް ހުރަސް އަޅުއްވާފަ އެވެ.

އިދިކޮޅު ލީޑަޝިޕަށް ރައީސް ސޯލިހްއާ ބައްދަލުކުރުމުގެ ފުރުސަތު ދީފައިވާއިރު ރައީސްގެ "މޫވްމަންޓެއް" އުޅޭ ކަމަށް ބުނެ ސިފައިން ވަނީ އެސަރަހައްދުގައި ތިބި ނޫސްވެރިން ފަހަތައް ޖައްސާފަ އެވެ.

އެ ސަރަހައްދުގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާކުރަމުންދާއިރު ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.