ޕީޕީއެމް

އަނިޔާކުރިޔަސް އިދިކޮޅު ހަރަކާތް ނުހުއްޓުވޭނެ: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ މަގުމަތީގެ ހަރަކާތްތައް ހުއްޓުވަން ފުލުހުން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކޮށް އަދި މީހުންނަށް އަނިޔާވާ ގޮތަށާއި ތަކެއްޗަށް ގެއްލުއްވާ ގޮތަށް އަމަލުކުރި ނަމަވެސް އެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ރޭގެ މުޒަހަރާގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހައްޔަރުކުރުމާ ގުޅިގެން ނެރުނު ބަޔާނުގައި ޕީޕީއެމް އިން ބުނެފައިވަނީ އާދަމް ޝަރީފް ހައްޔަރުކުރީ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލި ގޮތަކަށް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއަށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ޕެޕަ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއަށް ފުލުހުން ވަދެގަތުމާއި އަދި އަނިޔާވާ ގޮތްގޮތަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ގަސްދުގައި އަނިޔާކުރަމުން ގެންދާ ކަމަށްވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރޭގެ މުޒާހަރާގެ ތެރެެއިން ފިރިހެން ފުލުހުން ބައިވެރިންގެ ތެރެއަށް ވަދެގަނެ އަންހެން ބައިވެރިން ގައިގައި ހިފައިގަނެ ހައްޔަރުކުރަމުން ގެންދާ މަންޒަރާއި، ނޫސްވެރިންގެ ވާޖިބަށް ހުރަސް އަޅާ ފުރައްސާރަކުރާ މަންޒަރުވެސް ފެނިގެން ދިޔަ ކަމަށެވެ.

"މީގެ އިތުރުން ސުލްޙަވެރިކަމާއެކު އަޑުއުފުއްލަވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އިހްތިޖާޖުގެ ތެރޭގައި ސުލްޙަވެރިކަމާއެކު ހުންނަވަނިކޮށް އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލިއަކަށް ވަނީ ހައްޔަރުކޮށްފަ އެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން ޝުޢޫރު ފާޅުކުރުމަށް ބޭނުންކުރަމުން ގެންދާ ބޯޑުތަކާއ ދިދަތަކުގެ އިތުރުން ހުއްދަ ނަގައިގެން މުޒާހަރާގައި ބޭނުންކުރަމުން ގެންދާ ޕިކަޕް، ސައުންޑް ސިސްޓަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ޕިކަޕް ގެންދިޔައިރު ޕިކަޕްގައިވާ އަގުބޮޑު ސާމާނުތަކަށްވެސް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އޯޑަރު ދެއްވި ނަމަވެސް ގާނޫނާއި ގަވާއިދުތަކުގެ ބޭރުން އަމަލުކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން އެއީ ކުރެވިގެން ވާނޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އޯޑަރު ދެއްވި ނަމަވެސް ޣައިރު ގާނޫނީ އަމުރަށް ކިޔަމަން ނުވުމަށް ފުލުހުންނަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި މުޒާހަރާގައި ބޭނުންކުރާ ތަކެއްޗާއި ސާމާނަށް ގަސްދުގައި ގެއްލުން ދިނުމުގެ ފިނޑި އަމަލު ނުހިނގުމަށްވެސް ގޮވާލާފައިވެ އެވެ.

"މިއާއެކު ފުލުހުންގެ ގާނޫނާއި ހިލާފަށް ކުރަމުން ގެންދާ ކަންކަން ބަލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށްވެސް ގޮވާލަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.