ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީދު ބަންދަށްފަހު ރައީސްގެ ކެމްޕޭން ފަށަނީ

ކުރިއަށް އޮތް ބޮޑު އީދު ބަންދަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ކެމްޕޭންގެ ދަތުރުތައް ފެއްޓެވުމަށް ނިންމަވައިފި އެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ ރައީސް ސޯލިހްގެ އަމާޒަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުން ކަމަށެވެ.

އީދު ބަންދަށްފަހު ރައީސްގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް އަދި ވަކި ތާރީހެއް ދަންނަވަން ދަތިކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ރިޔާސީ ކެމްޕޭން ފެށުމަށް ތައްޔާރުވަމުންދާއިރު އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރުކުރުމަށްޓަކައި އެމްޑީޕީގެ ކެމްޕޭން ޓީމުތައް މިހާރުވެސް ގެންދަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް ރައްޔިތުންގެ ހިޔާލު ހޯދަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް ރައީސް ސޯލިހް ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ ރައީސް މުހައްމަދު ނަޝީދު ބޮޑު ބައްޔަކުން ބަލިކޮށްފަ އެވެ.

އެމްޑީޕީގެ ފަރާތުން ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އެރުވީ މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު އެވެ.

އެމްޑީޕީއާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ އެމްޑީއޭ އާއި އަދާލަތު ޕާޓީ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެެވެ.