ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކޮށް އިތުރަށް ދޭ އެލަވަންސްތަކުގެ ތަފުސީލު ސަރުކާރުން ހާމަކޮށްފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސަށް ގެންނަ ބަދަލުގެ ތަފުސީލު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައްޒާމް ވަޖީހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދޭ 2،000 ރުފިޔާގެ އެލަވަންސް 3،000 ރުފިޔާއަށް ޖޫން މަހުން ފެށިގެން ބޮޑުވެގެންދާނެ ކަމަށެވެ.
އޭގެ އިތުރަށް ތިން އިނާޔަތް ދޭން ނިންމާފައިވާ ކަމަށް އައްޒާމް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަންޖެހޭ ފަރާތްތަކަށް ދޭ ކެއާރާ އެލަވަންސް އާއި ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި -- ކޮންސިއުމަބަލްސް ހޯދުމަށް އެހީތެރިވުމަށް ދޭ ސެލްފް ކެއާ އެލަވަންސް އެވެ.
މީގެ އިތުރުން ގޭބިސީ / އާއިލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށްވުރެ ގިނަ މީޙުން އުޅޭ ނަމަ އިތުރު އެލަވަންސެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
މި ތިން އެލަވަންސް ދޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 65 އަހަރުން ދަށުގެ މީހުންނަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަލަށް ދޭ އެލަވަންސްތައް
- ކެއާރާ އެލަވަންސް - 2،000 ރުފިޔާ
- ސެލްފް ކެއާ އެލަވަންސް - 1،000 ރުފިޔާ
- ގޭބިސީއެއްގައި ހިމެނޭ ނުކުޅެދުންތެރިކަން އަދަދު ގިނަ ނަމަ - 1،000 ރުފިޔާ
އިނާޔަތް ބޮޑުކުރުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 15 އިންސައްތަ މީހުންނަށް ކުރިއަށް އޮތް ތަނުގައި 6،000 ރުފިޔާ ލިބޭނެ ކަމަށް އައްޒާމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެނެވޭ ބަދަލުތައް ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.