އެންސްޕާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް 111 މިލިއަން ރުފިޔާ ހޭދަކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ މާލީ އެހީގެ ގޮތުގައި މިއަހަރުގެ މެއި މަހުގެ ނިޔަލަށް 111 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކޮށް އިތުރަށް ދޭން ނިންމި އެލަވަންސްތަކުގެ ތަފުސީލު ހާމަކުރަން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައްޒާމް ވަޖީހު ވިދާޅުވީ މިއަހަރުގެ މެއި މަހުގެ ނިޔަލަށް 11،371 މީހުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އައްޒާމް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 2011 ވަނަ އަހަރު ރަޖިސްޓްރީ ކުރެވިފައިވާ 3،560 މީހުންނަށް މާލީ އެހީގެ ގޮތުގައި ހަރަދުކުރީ 79.3 މިލިއަން ރުފިޔާ އެވެ. 2022 ވަނަ އަހަރު ނިމުނުއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 10،701 މީހުން ރަޖިސްޓްރީ ކުރެވިފައިވާއިރު އެހީގެ ގޮތުގައި 244.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 11،371 މީހުންގެ ތެރޭގައި 6،645 ފިރިހެނުންނާއި 4،726 ފިރިހެނުން ހިމެނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގިންތިތައް

  • ޖިސްމާނީ ނުކުޅެދުންތެރިކަން - 3،045 މީހުން
  • ވިސްނުމުގެ ނުކުލެދުންތެރިކަން - 2،461 މީހުން
  • އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން - 1،986 މީހުން
  • އަޑު އެހުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން - 1،517 މީހުން
  • ފެނުމުގެ ނުކުޅެދުންތެރިކަން - 876 މީހުން
  • އޯޓިޒަމް - 628 މީހުން
  • ނަފުސާނީ ނުކުޅެދުންތެރިކަން - 125 މީހުން
  • އުނގެނުމުގެ ނުކުޅެދުންތެރިކަން - 63 މީހުން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ 2،000 ރުފިޔާގެ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކޮށް އިތުރު އެލަވަންސްތަކެއް ދޭން ނިންމާ އެކަން ސަރުކާރުން ވަނީ މިއަދު އިއުލާނުކޮށްފަ އެވެ.