މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

މާލޭގެ ޓްރާންސްޕޯޓާ ގުޅޭ މާސްޓާ ޕްލޭނަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ

މާލޭގެ ޓްރާންސްޕޯޓާ ގުޅޭ މާސްޓާ ޕްލޭނެއް ހެދުމަށް ބޭނުންވާތީ ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސަތްކަތް ފަށައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންސަލްޓަންސީ ހޯދަން ބޭނުންވަނީ އެ މިނިސްޓްރީން ކުރިއަށްގެންދާ "އިންޓަގްރޭޓެޑް ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުގެ ދަށުން ޓްރާންސްޕޯޓާ ގުޅޭ މާސްޓާ ޕްލޭނެއް ހެދުމަށް ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް ޖުލައި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން މަސައްކަތުގެ އަގު އެނގޭ ގޮތަށް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅަންޖެހެ އެވެ.

މިމަގާމަށް ހޮވޭފަރާތަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ޓެކްނިކަލް ކޯޑިނޭޓަރުގެ އިރުޝާދުގެ ދަށުން، އެންވަޔަރަންމަންޓް މިނިސްޓްރީގައި ގާއިމުކޮށްފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގަ އެވެ.

މި ޕްލޭނަކީ މާލެ ސަރަހައްދުގައި ބޭނުންކުރާ ވެހިކަލްތަކުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުން އަދި ޕާކިންގެ މައްސަލަތަކަށް ހައްލު ގެނެސް މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ކުޑަކުރުމުގެ ގޮތުން އެކުލަވާލެވޭ ޕްލޭނެކެވެ.

މިމަސައްކަތަށް ފަަންޑު ހަމަޖައްސައިދީފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ ފަރާތުންނެވެ.