ތިއޭޓާ ރައުންޑް ނިމުމަކަށް އައިސް ވަރަށް ހުނަރުވެރި ލަވަކިޔުންތެރިންތަކެއް މޯލްޑިވިއަން އައިޑޮލް އިން ވަކިވީ އެވެ. އޭގެ ތެރެއިން ބައެއް ކުދިންނަކީ އައިޑޮލްގެ މި ދަތުރުގައި މިހާ ދުރަށް އާދެވިދާނެ ކަމަށް އުއްމީދުކުރި ކުދިންތަކެއް ވެސް ނޫނެވެ. އެހެން ނަމަވެސް ކަޓައިގެން ދިޔަ ހުރިހާ އެންމެންގެ ވާހަކަ ވެސް ވަރަށް ތަފާތެވެ. ވަކިވަކި ބައިވެރިންނަށް ބަލާއިރު އެމީހުންގެ ފަހަތުގައި އާދަޔާހިލާފު އެތައް ވާހަކައެއް ފޮރުވިފައިވާކަން ފާހަގަކޮށްލެވެ އެވެ.
ކުރިއަށް މި އޮތީ އެ ވާހަކަ އެވެ. ޓީވީ އިން ފެނުނު ލަވަކިޔުންތެރިންގެ ނުފެންނަ އަދި ބެލުންތެރިންނަށް އެމީހުންނާ ބެހޭ ގޮތުން ނޭނގޭ ވާހަކަ އާއި މޯލްޑިވިއަން އައިޑޮލްއާ އެކު އެ ބައިވެރިންނަށް ކުރެވުނު ތަޖުރިބާގެ ހިތި އަދި ފޮނި ވާހަކަތަކެވެ.
ތިއޭޓާ ރައުންޑަށް ދިޔަ ލަވަކިޔުންތެރިންނަށް ބަލާއިރު ގިނައީ މުޅިން އަލަށް މިފަދަ މުބާރާތެއްގައި ބައިވެރިވެގެން އުޅޭ ކުދިންނެވެ. ސި. ހުޅުދޫ އަށް އުފަން މުހައްމަދު އަހްޒާމްގެ ވާހަކަ ވެސް ތަފާތު ވަނީ އެހެންވެގެންނެވެ. އަލަށް މިފަދަ މުބާރާތެއްގައި ބައިވެރިވެ ލަވަކީ މި ޒުވާނާ ގޯލްޑެން ޓިކެޓް މާލޭގެ އޮޑިޝަނުން ކާމިޔާބުކުރުމަކީ ވެސް ފާހަގަނުކޮށް ދޫކޮށްލާ ވަރަށް ވުރެ ބޮޑު ކާމިޔާބީ އެކެވެ.
ހީއެއް ނުކުރަން އޮޑިޝަނުން ހޮވޭނެ ކަމަށް ވެސް!
"އަސްލު މިކަހަލަ މުބާރާތެއްގައި ބައިވެރިމިވީ އަލަށް. އެއީ އޮޑިޝަނުގައި ވަރަށް ރީއްޗަށް ލަވަކިޔާ ކުދިން ތިބީމަ. އަދި ވަކިން ހާއްސަކޮށް މާލެ އިން ހޮވުނީމަ ވަރަށް އުފާވި،" ބަރޮސް މޯލްޑިވްސްގައި އެޗްއާރް ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރަމުން އޮޑިޝަނުގައި ބައިވެރިވި އަހްޒާމް ބުންޏެވެ.
އޭނާ ބުނީ ތިއޭޓާ ރައުންޑަކީ ވަރަށް މަޖާ ގިނަ ތަޖުރިބާތަކެއް ލިބިގެން ދިޔަ ހަޔާތުގެ ބޮޑު ދަތުރެއް ކަމަށެވެ.
"ވަރަށް މަޖާ ދަތުރަކަށް ދަނގެތި ވެގެންދިޔައީ. ބޮޑަށް ދެރަވަނީ އެ އެކުވެރިންނާ ވަކިވާން ޖެހުނީމަ. ޝޯގައި މި ހިސާބަށް އާދެވިދާނެ ކަމަށް ވެސް ހީއެއް ނުކުރަން."
"ދަނގެތި ރައުންޑުގައި އަސްލު ބޭނުންވި ވަރަށް ޕާފޯމެއް ނުކުރެވޭ. އަޑު ވެސް ހަލާކުވީމަ. ޕްރެކްޓިސްވެސް ކުރަން ޖެހުނު ފަތިހު ފަހެއް ޖެހިއިރު. އެއީ ބައިވަރު ކުދިން ތިބީމަ. އެކަމަކު ވެސް ޕްރެކްޓިސް ސަޅިކޮށް ދިޔައީ ފަތިސް ގަޑީގައި. ޕްރެކްޓިސް ސެޝަންއާ މެދު ހިތްހަމަޖެހޭ ޕާފޯމެންސަށްވުރެ."
"މޯލްޑިވިއަން އައިޑޮލްގައި މިއަށް ވުރެ ދުރަށް ދެވިދާނެހެން ހީވަނީ. އެކަމަކު ބައިވެރިވާނަމެކޭ ސީދާ ނުބުނާނަން ދެން އޮންނަ މުބާރާތެއްގައި. އެކަމާ ވިސްނާނަން."
އޭނާ ބުނީ މުބާރާތް ކާމިޔާބުކުރާނެ މީހަކު ލަފާކުރަން ލަތިވާ ވަރަށް ގަދަ 16ގެ ބައިވެރިންގެ ހުނަރުވެރިކަން ބޮޑު ކަމަށެވެ. އެހެން ނަމަވެސް ދަނގެތި ރައުންޑުން ކަޓައިގެން ދިޔަ މުހައްމަދު ޝަހުދާން ބުނަނީ މުބާރާތް ކާމިޔާބުކުރާނެ މީހަކު އޭނާ އަށް މިހާރު ވެސް އެނގޭ ކަމަށެވެ.
އެކަމަކު އެ ވާހަކައަކަށް ދިއުމުގެ ކުރިން މި ޝަހުދާނެއްގެ ވާހަކަ އަށާއި ހިތްވަރަކަށް ޖެހިލަމާ ހިނގާށެވެ.
އައިޑޮލް އިން ފެނިގެން ރިސޯޓް މިއުޒިކުން ފުރުސަތު ލިބިއްޖެ
ސ. ހިތަދޫ އަށް އުފަން ޝަހުދާންގެ ވާހަކައެއް ފަށަން ޖެހެނީ މި އުފާވެރި ޚަބަރުންނެވެ. އުމުރުން 17 އަހަރުގައި މޯލްޑިވިއަން އައިޑޮލްގެ މިހާ ހިސާބަށް އަދި އެހާ މޮޅެތި ލަވަކިޔުންތެރިންނާ އެކު ދަތުރުކުރެވުނީމަ ވެސް ޝަހުދާން ހުރީ ނިކަން އުފަލުންނެވެ.
އޭނާ ބުނީ މުބާރާތުގައި ކެހި ލިބުނީ ހަމަ ނިދި ނުލިބިގެން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެން ނަމަވެސް އައިޑޮލްގައި ބައިވެރިވުމަކީ އެތައް ތަޖުރިބާއެއް ލިބުނު ކަމަކަށްވާއިރު ޝޯ އިން ފެނިގެން ރިސޯޓް މިއުޒިކް ކުޅުމުގެ ފުރުސަތު ވެސް މިހާރު ލިބިފައިވާ ކަމަށެވެ.
"ބޮޑަށް ޝައުގުވެރިވަނީ ވެސް ރިސޯޓް މިއުޒިކް ކުޅެން. އައިޑޮލް އިން ފެނިގެން ލިބުނު ފުރުސަތެއް ލިބިފައި ވަނީ. މިހާރު ވެސް ވަރަށް ތަޖުރިބާ ލިބިއްޖެ. ވަރަށް ބައިވަރު ކަންތައް ދަސްވެއްޖެ. ވަރަށް މަޖާ. ނުނިދުން ފިޔަވައި ހުރިހާ ކަމެއް ރަނގަޅަށް ދިޔައީ. ނިދުނު ނަމަ އަވީގައި ހުރެގެން ވެސް ރަނގަޅަށް ލަވަކިޔާލެވުނީސް،" ކިޔެވުން ނިންމާލުމަށް ފަހު ރަށުގައި ބޭންޑަކާ އެކު ލަވަކިޔައި މަޖާކުރަމުން އަންނަ ޒުވާނާ ކިޔައިދިނެވެ.
އޭނާ ބުނީ މުބާރާތުން ގޯލްޑެން ޓިކެޓް ލިބިގެން ޕިއާނޯ ރައުންޑަށް ދާން ނިކަން ބޭނުންވި ކަމަށެވެ.
"އަޅުގަނޑު ބޭނުންވި ސްޓޭޖަށް އަރަން. އެކަމަކު ލައްވާލީ ދަސް ލަވައެއް ވެސް ނޫން. ލަވަ ލިބުނީ ރޭގަނޑު 11 ޖެހިއިރު. ލަވަ ދަސްކުރަން ހޭލާ ހުރީ. މެންދުރު ދެ ގަޑިބައިގައި އޮޑިޝަން އޮތީ. އަވީގައި ލަވަކިޔަން ޖެހުނީމަ ވަރަށް އުނދަގޫވި."
"އެހެންވެ އަތުގައި ލިޔެގެން ދިޔައީ ދަސްނުވާތީ ލަވަ. އެކަމަކު ނުނިދާ ހުރުމަކީ އަޅުގަނޑުގެ މައްސަލަ."
މި މޭރުމުން ވާހަކަ ދައްކަމުން ގޮސް ޝަހުދާން ބުނީ މުބާރާތް ކާމިޔާބުކުރާނެ ފަރާތް އޭނާ އަށް މިހާރު ވެސް އެނގޭ ކަމަށެވެ.
"އެންމެ މޮޅަށް ލަވަކިޔާ ކުއްޖަކަށް ހުރީ ޝަލަބީ. އެއީ އެތަނުގައި ދެން ނެތް ފެންވަރުގެ ލަވަކިޔުންތެރިއެއް. އެކަމަކު ހީވަނީ ލައިޝާ ހެން މުބާރާތް ކާމިޔާބުކުރާނީ. ޝަހުދު ބުންޏޭ ބުނާތި ލައި އަށޭ ލިބޭނީ މޯލްޑިވިއަން އައިޑޮލް."
ލަވަކިޔުމުގެ އިތުރުން ނިކަން ބޮޑު އިންސާނީ ހިދުމަތެއްގައި
ހދ. ކުޅުދުއްފުށްޓަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އީނާޝް މުހައްމަދުގެ ވާހަކައެއް ފެށެނީ މިހެންނެވެ. އޭނާ އަކީ ހާއްސަ އެހީ ބޭނުންވާ ކުދިންނަށް ތައުލީމު އުނގަންނައިދިނުމަށް ހާއްސަވެފައި ހުރި ޓީޗަރެކެވެ. އެކަމަކު ލަވަކިޔުމަކީ ވެސް އޭނާ ހަމަ އެވަރަށް ކުރާހިތްވާ ކަމެކެވެ.
"ބޭނުންވަނީ ޕްރޮފެޝަނަލް ލަވަކިޔުންތެރިއަކަށް ވާން. ވަރަށް އުއްމީދުކުރިން ގަދަ 16 އަށް ދެވޭނެ ކަމަށް. މިހިސާބަށް އާދެވުނަސް އެކަމަކު ހެޕީ،" ރަށުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން އީނާޝް ކިޔައިދިނެވެ.
"ރަށުގައި ހުރެގެން ލަވަނުކިޔޭތީ ޓީޗިން ހެދީ. އެކަމަކު މިހާރު ބޭނުމެއް ނުވޭ އެއްވެސް ކަމެއް ދޫކޮށްލާކަށް."
މޯލްޑިވިއަން އައިޑޮލްގެ ދަތުރު އީނާޝް ފެށީ އެކަނި ނޫންކަން ވެސް ފާހަގަކޮށްލެވެ އެވެ. އޭނާގެ ކޮއްކޮ އަހުމަދު އައިމަން ވެސް ގޮވައިގެންނެވެ. އެކަމަކު ދެ މީހުން އޮޑިޝަނުގައި ބައިވެރިވެ އައިމަނަކަށް ރަނުގެ ޓިކެޓެއް ނުލިބުނެވެ.
އެހެން ނަމަވެސް އީނާޝް ވެގެން ދިޔައީ މުޅި ރާއްޖެ ވެސް ސިއްސުވާލި ލަވަކިޔުންތެރިޔަކަށެވެ.
ލަވަކިޔުމުގެ އާދަޔާހިލާފު ހުނަރުވެރިކަމެއް އޭނާ ރާއްޖޭގެ ޓީވީ ބެލުންތެރިންނަށް ދައްކާލިއިރު ގިނަ ބަޔަކަށް ނުފެންނަ މަންޒަރީ އޭނާގެ ދިރިއުޅުމުގެ ހަގީގީ ބޮޑު މަންޒަރެެވެ. އީނާޝްގެ ދަރިވަރުންނަނީ އޯޓިސްޓިކް ކުދިންނާއި ޑައުން ސިންޑްރޯމް ކުދިން އަދި މި ނޫން ވެސް ހާއްސަ އެހީ ބޭނުންވާ ކުދިންނެވެ.
އޭނާ އަކީ މިހާރު ވެސް 14 ދަރިވަރަކަށް ހާއްސަ ޓީޗަރެކެވެ.
ކުދިންނަށް ކިޔަވައިދިނުމުގެ އިތުރުން އީނާޝް އަކީ ރަށުގައި ބޮޑުބެރު ޖަހައި ލަވަކިޔުމަށް އަދި މިހާރު ބޭންޑަކާ އެކު ވެސް ރަށުގައި ޝޯ ދިނުމަށް މަޝްހޫރު މޫނެކެވެ.
އޭނާ ބުނީ މޯލްޑިވިއަން އައިޑޮލްގައި އެންމެ ފުރަތަމަ ހުރިހާ ކަމެއް ވެސް ދިޔައީ ނިކަން ރަނގަޅަށް ކަމަށެވެ.
"ފުރަތަމަ އޮޑިޝަނުން ހޮވުނީއެސުރެ ތިއޭޓާ ރައުންޑާ ހަމައަށް ދާން ވެސް ވަރަށް ރަނގަޅު. ހުރިހާ ކަމެއް ވެސް. ވަރަށް މަޖާ. ރޫމް މޭޓްސް އެންމެ މިސްވަނީ. އެއީ ލައިޝާ އާއި އަޒްލީ،" އީނާޒް ކިޔައިދިނެވެ.
"ދެން ޕްރެކްޓިސްކުރިއިރު ގިޓާ ކުޅުނު ފަރާތެއް ނޫން ޕާފޯމްކުރިއިރު ގިޓާކުޅުނީ. އެހެހްވީމަ ކުޑަކޮށް ބިރުގަނެފައިހުރީ. އެހެން މީހަކު ގިޓާ ކުޅުނީމަ އެ އިހްސާސްކުރެވުނު،" ސްޕެޝަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މިހާރު ޑިގްރީ އަށް ކިޔަވަމުން އަންނަ އީނާޝް ބުންޏެވެ.
އޭނާ ބުނީ އައިޑޮލް އޮވެއްޖެ ނަމަ އަންނަ އަހަރު ވެސް ބައިވެރިވާނެ ކަމަށެވެ.
އެއީ ހަމަ ސުޕަ މާރިއޯއެއް!
މިއީ މުހައްމަދު އާދަމް އެވެ.
ލޯބިން އެންމެން ވެސް ކިޔަނީ މާރިއޯ އެވެ.
މަސްވެރިއެކެވެ.
މޯލްޑިވިއަން އައިޑޮލްގައި ބައިވެރި ރާއްޖެ ސިއްސުވާލީ އެވެ.
މާރިއޯހެން އުޅެބަލާށެވެ!
މިއީ ސަމާސާއެއް ނޫނެވެ. ހަގީގަތަކީ ކުޅުދުއްފުށްޓަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ މި ޒުވާނާ އަކީ އެފަދަ ދެ ވަނައެއް ނެތް "އައިޑޮލް" އެއް ކަމެކެވެ. "އައިޑޮލްއެއް" ނުވަތަ ނަމޫނާއެއްގެ ގޮތުގައި ދެން ތިބި ހުރިހައި ޒުވާނުން ވެސް ބަލަން ޖެހޭ ފެންވަރުގެ މީހެކެވެ.
މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވެ ގޯލްޑެން ޓިކެޓް ލިބުނުއިރު މާރިއޯ ދަނީ މަހަށެވެ. ކޮންމެ ދުވަހަކު މާސިންގާ ކަނޑަށް ނުކުމެ ގަދަ ހިތްވަރުގައި މަސް ބޭނީ ދިރިއުޅުމުގެ ޚަރަދު ދެކޮޅު ޖެއްސުމަށެވެ. ފަހަރެއްގައި ރަތްދަކަ އަވީގައި ލެވިގެން ލަވަކިޔަން ޖެހިގެން ބައެއް ކުދިން ވާތާވެގެން ވެއްޓުނުއިރު ވެސް "ސުޕަ މާރިއޯ" އަކަށް އޭގެ އިހްސާސެއް ނުކުރެވުނީ ވެސް މިހެންވީމަ ކަމަށް ވެދާނެ އެވެ.
ކޮންމެއަކަސް ކަޓައިގެން ދިޔަ ހުރިހާ ފަރާތްތަކަށް ބަލާއިރު އަދިވެސް އެންމެ ދުޅަހެޔޮކޮށް އަދި ހިތްހެޔޮކޮށް ހުރީ ވެސް މި މާރިއޯ އެކެވެ.
"މޯލްޑިވިއަން އައިޑޮލް އަކީ ޒުވާނުންނަށް ހުޅުވާލި ރަނގަޅު ފުރުސަތެއް. ކުރިއަށް ދާން ލިބުނު ފުރުސަތެއް. މޯލްޑިވިއަން އައިޑޮލް ވަރަށް މަޖާ. ވަރަށް ރައްޓެހިން ލިބި. ކުރިން ނުލިބޭ ތަފާތު ތަޖުރިބާތަކެއް ލިބުނު ދަތުރެއް އެއީ،" ތިއޭޓާ ރައުންޑުގެ ފުރަތަމަ ބުރުން ކެޓިޔަސް ހިތްމަރުނުވެ ހުރި މާރިއޯ ބުންޏެވެ.
"އެ ހިސާބަށް ރާއްޖޭގެ އެތައް ކުދިންގެ މެދުގައި ވާދަކޮށްގެން ދެވުމަކީ ވަރަށް ބޮޑުި ކާމިޔާބީއެއް. ދެން އަންނަ މޯލްޑިވިއަން އައިޑޮލް އަކަށް ބައިވެރިވާން އަޒުމްކަނޑައަޅަނީ. އެހިސާބުން ކަޓައިގެން ދާނީ އަޅުގަނޑަށް ވުރެ މޮޅެތި ކުދިން ތިބީމަހެން. ޖަޖުންގެ ނިންމުމަށް ރެސްޕެޓްކުރަން."
ދެ އަހަރު ވަންދެން މަސްވެރިއެއްގެ ގޮތުގައި އުޅުމަށް ފަހު މިހާރު އެހެން ވަޒީފާއަކާ ގުޅިފައިވާ މާރިއޯ ވެސް އޭނާގެ ހިޔާލުގައި މޯލްޑިވިއަން އައިޑޮލްގައި ތިބި އެންމެ މޮޅު ލަވަކިޔުންތެރިން ވެސް ހޮވާލި އެވެ.
"ޝަލަބީހެން ހީވަނީ މުބާރާތް ކާމިޔާބުކުރާނީ. އޭނާ ވަރަށް މޮޅު އަދި މަޝްހޫރު ލަވަކިޔުންތެރިއެއް އޭނާ އަކީ. ޝަލަބީއާ އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ އިޝާން އާއި ލައިޝާ އަދި އަޒްލީމާ. އެއީ ގަދަ ހަތަރެއްހެން އަޅުގަނޑަށް ހީވަނީ."
ޓީވީ އިން އައިޑޮލްގެ އިޝްތިހާރު ފެނުނަސް ރޮވެނީ!
މިއީ ޅ. ކުރެންދޫ އިން މޯލްޑިވިއަން އައިޑޮލްގައި ބައިވެރި ދިރިއުޅުން ބަދަލުކޮށްލި 18 އަހަރުގެ ޒުވާނާ އަބްދުﷲ އަޒްނީމެވެ. އަލަށް މިފަދަ މުބާރާތެއްގައި ބައިވެރިވެ މިހާ ހިސާބަށް ދެވުމުން ހިތްހަމަޖެހިފައި ހުއްޓެއް ކަމަކު މުބާރާތަށް އަލްވަދާއުކިޔަން ޖެހުމަކީ އޭނާގެ ހިތަށް ކެތްކުރަން ފަސޭހަވި އިހްސާސެއް ނޫނެވެ.
"ވަރަށް ވަރަށް ބޮޑަށް ދެރަވި. ރޮވުނު. ވަރަށް ގަދަ އަށް ރޮވުނު. އެއީ އެހާ އުއްމީދާ އެކު ކުރަން ދިޔަ ކަމެއް ހާސިލު ނުކުރެވުނީމަ. އަދިވެސް ދެރަވޭ. ޓީވީ އިން އިޝްތިހާރު ފެނުނަސް ރޮވެނީ،" އަޒްނީމް ބުންޏެވެ.
"އެކަމަކު ޖަޖުންގެ ނިންމުން އޯކޭ. ހަމަ އެންމެ ރަނގަޅު ކުދިން އެ ތިބީ ހޮވާފައި."
އަޒްނީމް ބުނީ އަންނަ އަހަރުވެސް ބައިވެރިވުމަކީ ހުވަފެނެއް ކަމަށާއި މިފަހަރުގެ މުބާރާތް ކާމިޔާބުކުރުން އެންމެ ގާތީ ރާޅުބޯއިގެ ގޮތުގައި ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ނަޒީހް ކަމަށެވެ.
ހީކުރީ އޮޑިޝަނުން ވެސް ފާސްނުވާނެ ކަމަށް!
މިއީ ވަޑާމުގެ އާދަޔާހިލާފު މަސައްކަތަށް މަޝްހޫރު އަލީ އަބްދުﷲގެ ވާހަކަ އެވެ. އުމުރުން 21 އަހަރުގެ މި ޒުވާނާ ބުނަނީ މޯލްޑިވިއަން އައިޑޮލްގެ ތަޖުރިބާ އަކީ "ހަބޭސް އެކްސްޕީރިއަންސެއް" ކަމަށެވެ.
"ވަރަށް ސަޅިކޮށް ދިޔައީ. ވަރަށް ހަބޭސް. ވަރަށް ގިނަ ރައްޓެހިން ލިބިފައި ވަރަށް ސަޅިއޭ ބުނެވޭނީ،" އަލީ ބުންޏެވެ.
"މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވީ ލަވަކިޔުން އެއީ ވަރަށް ކުރާ ހިތްވާ ކަމަށް ވީމަ. އަޅުގަނޑުގެ މަންމަ ވެސް ލަވަކިޔާނެ. ރަށުގައި ބާއްވާ ޖަލްސާތަކުގައި ވެސް މަންމަ ލަވަކިޔާނެ. މަންމަގެ ފަރާތުން ލަވަކިޔުން އެނގުނީ."
"ކެޓުމަކީ މައްސަލައެއް ނޫން. ދެން އަންނަ ފަހަރަކުން ވެސް މަސައްކަތްކުރެވިދާނެތާ. ހީކުރީ ފުރަތަމަ އޮޑިޝަނުން ކަމަށް ކަޓާނީ. މިހިސާބަށް އާދެވުނީމަ އެއީ ވެސް ކާމިޔާބީއެއް."