ލޯނުތައް ދެއްކުމަށް ދައުލަތުން މިއަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ބަޖެޓުގައި ލޯނު ދެއްކުމަށް ކަނޑައެޅި 2.1 ބިލިއަން ރުފިޔާގެ ތެރެއިން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް 49 ޕަސަންޓް ވަނީ ހޭދަކޮށްފަ އެވެ.
ލޯނު ދެއްކުމަށް ދައުލަތުން މިއަހަރު ކުރި ހަރަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 38 ޕަސަންޓް ދަށްވެފަ އެވެ. ލޯނު ދެއްކުމަށް ދައުލަތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 1.6 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުން މިއަހަރުގެ މިހާތަނަށް ކުރި ޖުމްލަ ހަރަދު 19.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މީގެ ތެރެއިން 4.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އިދާރީ އަދި ހިންގުމުގެ ހަރަދަށް 8.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ފަސް ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.