މާލޭގައި މިދިޔަ މޭ މަހު 185 ކައިވެނި ކުރިއިރު އެ މަހުގެ ތެރޭގައި 132 ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ފެމިލީ ކޯޓުގެ މޭ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ހުށަހެޅި ވަރީގެ މައްސަލަތަކާއި ކުރީ މަހު ނުނިމި ހުރި ވަރީގެ މައްސަލަތަކާ އެކު މިދިޔަ މަހު ވަރިއާ ގުޅޭ ޖުމްލަ 172 މައްސަލަ ފެމިލީ ކޯޓުން ނިންމާފައިވެ އެވެ.
ވަރީގެ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން މިދިޔަ މަހު އެންމެ ގިނައިން ނިންމާފައިވަނީ ވަރި ސާބިތުކުރުމުގެ މައްސަލަތަކެވެ. އެއީ 75 މައްސަލަ އެވެ.
މީގެ އިތުރުން ވަރިވުމަށް އެދި ހުށަހެޅި 69 މައްސަލަ މިދިޔަ މަހު ފެމިލީ ކޯޓުން ނިންމާފައިވާއިރު ވަރިކުރުމަށް އެދި ހުށަހެޅި 27 މައްސަލަ އާއި ވަރިއާމެދު ޝައްކުވެގެން ހުށަހެޅި އެއް މައްސަލަ އެ ކޯޓުން ވަނީ ނިންމާފަ އެވެ.
ފެމިލީ ކޯޓުން ބަލަހައްޓަމުން ދަނީ ހަމައެކަނި މާލޭގައި ކުރާ ކައިވެނިތަކާއި ވަރީގެ މައްސަލަތަކުގެ އިތުރުން އާއިލީ މައްސަލަތަކެވެ.