މާލޭ ސިޓީ ކައުންސިލް

މާލޭގެ މައިޒާންތައް މަރާމާތުކުރަން ހާއްސަ މަސައްކަތްތަކެއް

މާލޭގައި ހުރި ޕާކުތަކާއި މައިޒާންތައް މަރާމާތު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

އެގޮތުން މުއިވެޔޮ މައިޒާނާއި ރައިވެރިބޭ މައިޒާނާއި އިސްކަންދަރު މައިޒާނުގައި މިހާރުވެސް ވަނީ މަސައްކަތް ފަށާފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މައިޒާންތަކާއި ޕާކްތައް ނިމޭއިރު މުއިވެޔޮދޮށު މައިޒާނުގައި ކުޑަކުދިންނަށް ކުޅެވޭނެ އައު ސެޓެއް ހަރުކުރުމުގެ މަސައްކަތާއި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައިވެރިބޭ މައިޒާނާއި އިސްކަންދަރު މައިޒާނުގައި ހަލާކުވެފައި ހުރި ކުޑަކުދިން ކުޅޭ ސާމާނުތައް ބަދަލުކޮށް އައު ކުޅޭ ސެޓު ބަހައްޓާ، ކުޑަކުދިން ކުޅޭ ސަރަހައްދުގައި ކާޕެޓް އެޅުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ސިޓީ ކައުންސިލުން މިހާރު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާ މައިޒާންތަކަކީ ނިމިދިޔަ ސަރުކާރުގައި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން 2015 ވަނަ އަހަރު ހުޅުވި މައިޒާންތަކެކެވެ.

ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މިއީ ޕާކްތައް މަރާމާތުކުރާ ފުރަތަމަ ފަހަރެވެ.