އާންމުން ކެންސަރަށް ހޭލުންތެރިކޮށް، ކެންސަރު އިތުރުވަމުންދާ މިންވަރު ދަށްކުރުމަށް މަސައްކަތްކުރާ ޕްރޮގްރާމްތައް ހިންގަން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އިން ހެލްތު މިނިސްޓްރީއަށް އެއްލައްކަ ރުފިޔާގެ އެހީއެއް ދީފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި މިނިސްޓްރީއާއި އެލައިޑުން ވަނީ ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަމީލް އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އެލައިޑުން ދިން ފައިސާގެ އެހީއާ އެކު މާލެއާއި އަތޮޅުގެ ރަށްރަށުގައި ކެންސަރަށް ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ ޕްރޮގްރާމްތަކުގައި ކެންސަރުން ރައްކާތެރިވާނެ ގޮތްތަކާއި ކެންސަރަށް ސްކްރީން ކުރުމާއި، ކެންސަރު ޖެހުމުން ދެން ކަންކަން ކުރަންވީ ގޮތް އާންމުންނަށް އޮޅުންފިލުވައިދޭނެ ކަމަށެވެ.
ދުވަހެއް ދުވަހަކަށް ކެންސަރު ބަލި ރާއްޖޭގައި އިތުރުވަމުން އަންނަ އިރު، ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ބޭނުންވަނީ ކުދި ބޮޑު އެންމެން އެކަމަށް ހޭލުންތެރިކުރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެލައިޑް އާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަށްރަށުގެ ހޮޅުއަށި ތަކާ ހަމަޔަށް ވެސް މައުލޫމާތު ދޭ ޓީމުތައް ފޮނުވާނެ ކަމަށެވެ.
"ރާއްޖޭގައި ހިންގާ މިބާވަތުގެ އެންމެ ބޮޑު ކެމްޕޭނަށް މި ކެމްޕޭން ވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. މިދިޔަ އަހަރުވެސް މިފަދަ ބޮޑު ކެމްޕޭނެއް އަޅުގަނޑުމެން ބޭއްވިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމާ ގުޅޭ ގޮތުން، އެ ކެމްޕޭނުގެ އިތުރު ޕްރޮގްރާމްތަކެއް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެ،" އިރުތިޝާމް ވިދާޅުވި އެވެ.
އަމީލް ވިދާޅުވީ، އެލައިޑުގެ ސީއެސްއާރު މަސައްކަތްތައް ބިނާ ކޮށްފައިވަނީ ހެލްތުގެ ދާއިރާއަށް އެންމެ ބޮޑު އިސްކަމެއް ދޭ ގޮތަށް ކަމަށެވެ. ކެންސާ އެވެއާނެސް ކެމްޕެއިން ހިންގަން ހެލްތު މިނިސްޓްރީއަށް ދިން އެހީ އާއެކު ރާއްޖޭގެ އާންމުންގެ ސިއްހަތަށް ހެޔޮ ބަދަލެއް އައުމަކީ އެލައިޑުގެ އުންމީދެއް ކަމަށް އަމީލް ވިދާޅުވި އެވެ.