ވިލާ ޓްރޭޑް

އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމުގެ ހަރަކާތެއް ވިލާމާޓުން ކުރިއަށް ގެންގޮސްފި

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފު ކުރުމުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ވިލާމާޓުން އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމުގެ ހަރަކާތެއް އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފި އެވެ.

އޮޓިމާ ބްރޭންޑްގެ ޕާސްތާގެ ރަހަ ދައްކާލުމުގެ އިވެންޓް ވިލާމާޓުން ކުރިއަށް ގެންދިޔައީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަންގާރަ ދުވަހުގެ ރޭ 8:00 އިން 10:00 އަށެވެ.

ވިލާމާޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އިވެންޓުގައި ތަފާތު ތިން ސޯސްއެއްގައި ތިން ވައްތަރެއްގެ ޕާސްތާގެ ރަހަ ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފޯރުކޮށްދިނެވެ.

އިވެންޓުގެ ސަބަބުން ބްރޭންޑްގެ ރަހައިގެ މީރުކަން ކަސްޓަމަރުންނަށް ކަށަވަރުވެގެން ދިޔަ ކަމަށާއި އިވެންޓަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ބްރޭންޑަކީ ވިލާމާޓުން ދާދިފަހުން ރާއްޖެއަށް ތައާރަފުކުރި ބްރޭންޑެކެވެ. މި ބްރޭންޑުގެ އެކި ސައިޒުގެ އެކި ވައްތަރުގެ ޕާސްތާ ވިލާމާޓްގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.

މީގެ ކުރިންވެސް ވިލާމާޓުން ވަނީ އެ ކުންފުނިން އެތެރެކޮށް ވިއްކަމުންދާ ބްރޭންޑްތަކުގެ ރަހަ ދައްކާލުމަށް ތަފާތު ހަރަކާތްތައް ބާއްވާފަ އެވެ. މިފަދަ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބޭކަން ވިލާމާޓުން ފާހަގަކުރެ އެވެ.

އެގޮތުން މާލޭގެ ޓީވީއެމް ކުރިމަތީ ހުންނަ ވިލާމާޓުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. ދާދި ފަހުން ވިލާމާޓު ހުޅުމާލެ ފޭސް ދޭއްގައި ވަނީ އެ ކުންފުނީގެ ޓޯނީސް ބްރޭންޑް އަދި ތަމީމް ބާސްމަތީ ހަނޑުލުގެ ރަހަތައް ދައްކާލުމުގެ އިވެންޓެއް ބާއްވާފަ އެވެ.

ވިލާ ޓްރޭޑިން އިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު ހެޔޮ އަގެއްގައި ފަސޭހައިން ރައްޔިތުންނަށް ލިބިގެންދާނެ ގޮތް ހަމަޖައްސައިދިނުމެވެ.

ވިލާމާޓް އިން ވިއްކާ ހުރިހާ އެއްޗެއް މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ އިތުރުން ދޯނިފަހަރުތައް ޑެލިވަރީކޮށްދެ އެވެ. ވިލާ ޓްރޭޑިންގެ މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.