- ގާދޫކޮލު ބަންދުވަނީ މިމަހުގެ 20 ގެ ފަހުން
- މާލެ- ވިލިމާލެ ކަނޑު އޮޅި 40 މީޓަރުގެ އުޅަނދަށް ބަންދު
- ބްރިޖުގެ އަަމަލީ މަސައްކަތް ވަނީ ފަށާފައި
ހުޅުލެ- މާލެ ބްރިޖުގެ މަސައްކަތް ފަށަން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ގާދޫކޮލުން އުޅަނދު ފަހަރު ވަނުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މާލެއާއި ހުޅުލެއާ ދެމެދުގައި އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ އަމަލީ މަސައްކަތް ފެށިފައިވުމާއެކު (މާލެ އާއި ހުޅެލެއާ ދެމެދުގައިވާ ކަނޑުއޮޅި) ގާދޫކޮލު ހުރިހާ އުޅަނދު ފަހަރަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ތާރީހުގެ ފަހުން މި ކަނޑުއޮޅިން ދަތުރުކުރުމަކީ މަނާކަމެއް ކަމަށެވެ. މިއާ ޚިލާފަށް މި ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެ އެވެ.
- ޕެރެޑައިސް އައިލެންޑް ރިސޯޓާއި ފުލްމޫނާ ދެމެދު އޮންނަ ކަނޑު އޮޅި
- ދުވާލުގެ ވަގުތުތަކުގައި ތިލަފުށީ އިރުމަތީ ކަނޑު އޮޅި ބޭނުން ކުރެވޭނެ
- މާލެ- ވިލިމާލެ ކަނޑު އޮޅި 40 މީޓަރަށްވުރެ ބޮޑެތި އުޅަނދު ފަހަރަށް މަނާ
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ގާދޫކޮލުން އުޅަނދު ފަހަރު ވަމުން މަނާކުރުމާއި ގުޅިގެން މާލޭގެ ބަނދަރަށް އަންނަ އާގު ބޯޓްފަހަރު ވަނުމަށާއި ނުކުތުމަށް ބޭނުންކުރާ މައި ކަނޑުއޮޅިއަކީ ބޮޑުކަޅި (ޕެރެޑައިސް އާއި ޝެރެޓަން ފުލްމޫނާ ދެެމެދު އޮންނަ ކަނޑުއޮޅި) ކަމަށެވެ. އަދި މާލެ އާއި ތިލަފުށީ ބަނދަރުން ފުރައިގެން ހުޅަނގަށް ދަތުރުކުރާ އުޅަނދު ފަހަރުން ދުވާލުގެ ވަގުތުތަކުގައި ގިރާވަރު އުތުރު ކަނޑާއި ތިލަފުށީ އިރުމަތީ ކަނޑުއޮޅި އަދި ތިލަފުށީ ހުޅަނގު ކަނޑުއޮޅި ބޭނުން ކުރެވިދާނެ ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ މި ބަދަލާއެކު މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ (މާތިލަ) އިން ދިގުމިނުގައި 40 މީޓަރަށް ވުރެ ބޮޑެތި އުޅަނދުފަހަރު ވަދެ ނިކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ.
"މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް" ބްރިޖުގެ ނަން ދީފައިވާ ދެ ކިލޯމީޓަރު ދިގު، އަދި 20.3 މީޓަރު ފުޅާ ބްރިޖަކީ މި ސަރަހައްދުގައި ވެސް ހަދާ އެންމެ ރީތި ބްރިޖަށް ވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި ބްރިޖްގައި ބައިސްކަލް ދުއްވަން ބޭނުންވާ ފަރާތްތަކަށާއި ހިނގާފައި ބްރިޖް ހުރަސް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ މަގުތަކެއް ހަދާފައި ހުރެ އެވެ. އަދި މާލެ އާއި ހުޅުމާލެއާ ދެމެދު ދޭން ބޭނުންވާ ކަރަންޓާއި އިންޓަނެޓް ފަދަ ހިދުމަތްތައް ދެވޭނެ ގޮތަކަށް ބްރިޖް ކަންކަން ހިމަނާފައިވެ އެވެ.
ބްރިޖުން 15 މިނެޓް ތެރޭގައި 6500 އަށްވުރެ ގިނަ މީހުންނަށް މާލެއިން ހުޅުލެއަށް ދެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބްރިޖްގެ މަޝްރޫއަކީ މިހާރުގެ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫ އެވެ.
މާލެ،ހުޅުލެ ބްރިޖް
- ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު
- ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް އަރާ
- ފުޅާމިނުގައި 20.3 މީޓަރު
- ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން އޮންނާނެ
- ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
- ބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެ
- ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
- ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު
ހުޅުލެ-މާލެ ބްރިޖުގެ މަސައްކަތް ފެށުމުގެ ގޮތުން މި މަޝްރޫއުގެ މަސައްކަތްކުރާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން އިން މިހާރު ވަނީ މަސައްކަތްކުރާ މީހުން ތިބޭ ސައިޓުގެ މަސައްކަތް ކުރަމުންނެވެ.