ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުން އަންނަ މަހު ހަމަވަނީ

ބީއެމްއެލް އިން ދޫކުރާ ފަސްލައްކަ ރުފިޔާގެ ހިލޭ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ ދެވަނަ ދުވަހު ހަމަވާނެ އެވެ.

އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ހިލޭ އެހީ އަށް އެދިހުށަހެޅުމުގެ ފުރުސަތު ހަމަވާނީ ޖުލައި ދެވަނަ ދުވަހުގެ ރޭ 12:00 އަށެވެ.

ކޮންމެ ވެސް ދެ ވިޔަފާރިއެއް ހޮވައި، ކޮންމެ ވިޔަފާރިއަކަށް ފަސްލައްކަ ރުފިޔާ އާއި އެ ވިޔަފާރި ފަށައިގަތުމަށް ބޭނުންވާނެ ފައިނޭންޝަލް އެޑްވައިސް ބީއެމްއެލް އިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

އާންމު ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ އެކަމަކު އެއް އަހަރު ނުވާ ވިޔަފާރިތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ހިލޭ އެހީ ލިބޭ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ އިވެލުއޭޝަންތަކަށް ފަހުގައެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތް ހޮވައި ޝޯޓުލިސްޓް ކުރާއިރު ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހެ އެވެ.

ބީއެމްއެލް އިން ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާ ހުރި 12 ހަރަކާތުގެ ތެރެއިންނެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު ހަތަރު ވިޔަފާރިއަކަށް މި އެހީ ފޯރުކޮށްދީފަ އެވެ. މީގެތެރެއިން ހިލޭ އެހީ ލިބުނު ނިރިސް އެމްބްރޮއިޑަރީގެ އައުޓްލެޓެއް ދާދިފަހުން ވަނީ ހުޅުވާފަ އެވެ.