އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބު އޮބްޒާވްކުރަން އީޔޫއާ އެކު 15 ގައުމަކަށް ދައުވަތު

މިއަހަރު އޮންނަ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އީޔޫގެ އިތުރުން 15 ގައުމަކަށް ވެސް ދައުވަތު ދީފަ އެވެ.

ދައުވަތު ދިން ގައުމުތައް

  • ތައިލެންޑް
  • ދެކުނު ކޮރެޔާ
  • ދެކުނު އެފްރިކާ
  • އުރުދުން
  • ކެނެޑާ
  • ޖަޕާން
  • ކިރިގިސްތާން
  • ހޮންޑިއުރަސް
  • ފިލިޕީންސް
  • އޮސްޓްރޭލިއާ
  • ނޭޕާލް
  • އިންޑޮނޭޝިއާ
  • ސްރީލަންކާ
  • ޖޯޖިއާ
  • ބޮސްނިއާ

އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިންނަށް ވެސް ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން މިއަހަރު އަށް ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓޭނީ އެ ފޮށްޓަކަށް ވޯޓުލުމަށް 150 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވާނަމަ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ވޯޓު ފޮށި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ އަށް ގައުމަކީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ސިންގަޕޫރު، އިނގިރޭސިވިލާތް، ތައިލެންޑް، ޔޫއޭއީ އަދި ޖަޕާން އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި 282،672 ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.