ފިނިޕޭޖް

ލަވަކިޔުންތެރިޔާ ވާންސް ޖޯއި ކައިވެނިކޮށްފި

އޮސްޓްރޭލިއާގެ ލަވަކިޔުންތެރިޔާ ވާންސް ޖޯއި، 35، އޭނާގެ ލޯބިވެރިޔާ ސެލެން އަސްއާ ކައިވެނިކޮށްފި އެވެ.

މި ހަބަރު އިއުލާންކުރީ ވާންސްގެ އިންސްތަގްރާމްގައި ޕޯސްޓްކުރި ދެ ފޮޓޯ އަކުންނެވެ.

މި ޕޯސްޓްގެ ދެ ފޮޓޯގައި ވާންސް އާއި ސެލެން ކައިވެނިކުރި ހެދުމުގައި ފެނެ އެވެ. އަދި ކެޕްޝަންގައި ކޮކާ އިމޯޖީއެއް ޖަހާފައިވެ އެވެ.

މިމަހުގެ 12 ވަނަ ދުވަހު އޮތް މި ކައިވެނީގެ ހަފްލާ އޮތީ ތުރުކީގެ އިސްތަންބުލް ގައެވެ.

ވާންސް އާއި ސެލެން ލޯބީގެ ގޮތުން ގުޅިފައިވާތާ މަދުވެގެން ތިން އަހަރު ވެއްޖެ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު އެންގޭޖްވި ކަމަށާއި މާގިނަ ވަގުތު ހޭދަނުކޮށް ކައިވެނި ކުރާނެ ކަމަށް ވާންސް ވަނީ ޖީކިއު މެން އޮފް ދަ އިޔާ އެވޯޑްސްގައި ކުރިން ބުނެފަ އެވެ.

ގިޓާ ޖަހަމުން ލަވަކިޔާ ވާންސްގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ރިޕްޓައިޑް"، "މިސިން ޕީސަސް"، "ޔޫ"، "ވިއާ ގޮއިން ހޯމް" ފަދަ ލަވަތައް ހިމެނެ އެވެ.