އެމްޑީޕީން ވަކިވި ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" އަށް މިރޭ އަދި ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ދަ ޑިމޮކްރެޓްސްގެ ބޭފުޅުން މިއަދު މެންދުރުފަހުން ފެށިގެން ތިއްބެވީ އިލެކްޝަންސް ކޮމިޝަންގަ އެވެ.
ޑިމޮކްރެޓުން އެ ޕާޓީގެ ރަޖިސްޓްރީ ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ދިއުމުން ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވާފަ އެވެ.
މިބައްދަލުވުމުގައި ކޮމިޝަންގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ބައިވެރިވެ ދެ މެންބަރުން ވޯޓު ދެއްވީ ޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށެވެ. އަނެއް ދެ މެންބަރުން ވޯޓު ދެއްވީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުށަހެޅި ފޯމުތައް އިތުރަށް ކަށަވަރުކުރުމަށް ގާނޫނުން ލިބޭ ތިން މަސް ދުވަހުގެ ބޭނުން ހިފުމަށްފަހު ނޫނީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދިނުމަށެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ވޯޓު ދެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާއި ނައިބް ރައީސް އިސްމާއީލް ހަބީބް އެވެ. މިރޭ ރަޖިސްޓްރީ ނުދޭން ވޯޓު ދެއްވީ އީސީގެ މެމްބަރު މުހައްމަދު އާސިފް އާއި އަލީ ނަޝާތު އެވެ.
އާސިފް އާއި ނަޝާތު ވަނީ ނުފޫޒެއްގެ ދަށުގައި ހުންނަވައިގެން ފުއާދު މަސައްކަތް ކުރައްވާ ކަމަށްވެސް ތުހުމަތުކުރައްވާފަ އެވެ. އެގޮތަށް ވިދާޅުވީ ފުއާދު އެވެ.
ކޮމިޝަންގެ ބައްދަލުވުމަށްފަހު ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ ބައްދަލުކުރައްވާ ފުއާދު ވިދާޅުވީ ރަޖިސްޓްރީ މިރޭ ނުދޭން ދެކޮޅު ހެއްދެވި މެންބަރުން އޭނާ ހުންނެވީ ނުފޫޒެއްގައި ކަމަށް ވިދާޅުވެ ތުހުމަތުކުރެއްވި ކަމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށް ނުދޭން ދެކޮޅު ހެއްދެވި ކޮމިޝަންގެ މެންބަރުން މާބުރަދަނެއް ހުރި ސަބަބެއް ނުދައްކަވަ އެވެ.
"އެ ބޭފުޅުން ތުހުމަތު ކުރީ އަޅުގަނޑު މި މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. އެހެންވީމަ އެ ބޭފުޅުން ބޭނުންފުޅުވަނީ އަދިވެސް ފޯމްތައް އިތުރަށް ޗެކުކުރަން ތިންމަސް ދުވަސް ގާނޫނުން ދޭތީވެ އޭގެ ކުރީން ރަޖިސްޓްރީ ނުދޭން،" ފުއާދު ވިދާޅުވި އެެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން މިމަހުގެ އެއްވަނަ ދުވަހު ހުށަހެޅީ 3،560 ފޯމާ އެކު އެވެ.
ފުއާދު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ގިނަ ފޯމުތައް ހުރީ ގާނޫނުގައި ބުނާ ގޮތަށް ކަމަށެވެ. މައްސަލަ އުޅޭ ފޯމުތަކުގައިވެސް ހުރި މައިގަނޑު މައްސަލަ އަކީ މުއްދަތު ހަމަވެފައި ހުރި އައިޑީ ކާޑު ހުރުން ކަމުގައިވެސް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އިން ވަނީ އެ ޕާޓީ ރަޖިސްޓްރީ ކޮށްދިނުމާ އެކު ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ބޭފުޅަކު ވާދަކުރުމަށެވެ. ނަމަވެސް އެ ޕާޓީ ރަޖިސްޓްރީ ކުރަން ތިން މަސް ދުވަސް ހޭދަވާނަމަ އެ ޕާޓީގެ ނަމުގައި ކެންޑިޑޭޓަކު ނެރުމަށް ހުރަސް އެޅިގެންދާނެ އެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.