އިލްޔާސް ލަބީބް

އިލްޔާސް ލަބީބުގެ ކެންޑިޑެސީ ބަލައިގެންފި

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ހުށަހެޅުއްވި ކެންޑިޑެސީ ފޯމު ބަލައިގެންފި އެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް އިލްޔާސް ފޯމު ހުށަހެޅުއްވީ އިއްޔެގެ ވަގުތެއް ގައެވެ. އިލްޔާސްގެ ރަނިން މޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

އިލްޔާސްގެ ކެންޑިޑެސީ ފޯމާއި އެކު ހުށަހަޅަންްޖެހޭ ލިޔުންތަކުގެ ތެރެއިން ލިޔުމެއް މަދުވުމުގެ ސަބަބުން އިއްޔެ ހުށަހެޅި ފޯމް އީސީ އިން ފުރަތަމަ ބަލައެއް ނުގަނެ އެވެ. ނަމަވެސް ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިލްޔާސްގެ ކެންޑިޑެސީ ބަލައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ވިދާޅުވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ފިޔަވާ އެހެން ބޭފުޅުން ވަނީ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހެޅުއްވީ މިއަދު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 2:00 ގެ ނިޔަލަށެވެ