އިންޑިއާގެ 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ސުރުޝްތީ ސުދިރް ޖަގްތަޕް ހުއްޓާނުލާ ފަސް ދުވަސް ވަންދެން ނަށައި، ގިނިސް ވޯލްޑް ރެކޯޑްސް ފޮތުން ޖާގަ ހޯދައިފި އެވެ.
ސުރުޝްތީ މުގުރާލި ރެކޯޑަކީ 'ލޯންގަސްޓް އިންޑިވިޖުއަލް ޑާންސް މެރެތަން'ގެ ރެކޯޑެވެ.
މަހަރަޝްތުރާ ސްޓޭޓުގެ ހުޅަނގުގައި އޮންނަ ލަތޫރު ޑިސްޓްރިކްޓްގައި ދިރިއުޅޭ ސުރުޝްތީ ވަނީ 127 ގަޑިއިރު ވަންދެން ހުއްޓާ ނުލައި ނަށައި އެންމެން ހައިރާން ކޮށްލާފަ އެވެ. އޭނާ ނަށާފައިވަނީ އިންޑިއާގެ ސަގާފީ ނެށުމެއް ކަމަށްވާ ކަތަކް ސްޓައިލަށެވެ.
ސުރުޝްތީ މުގުރާލާފައި ވަނީ ނޭޕާލުގެ ނެށުންތެރިޔާ ބަންޑާނާ 2018ގައި ހަދާފައިވާ ރެކޯޑެކެވެ.
ބަންޑާނާ ރެކޯޑް ހެދުމަށް ނަށާފައިވަނީ 126 ގަޑިއިރު އެވެ. ސްރުޝްތީ އިތުރު އެއް ގަޑިއިރު ނަށައިގެން ރެކޯޑް މުގުރާލީ އެވެ.
މޭ 29ގައި ނަށަން ފެށި ގޮތަށް ސުރުޝްތީ ނެށުން ހުއްޓާލީ ޖޫން ތިންވަނަ ދުވަހު އެވެ. މި ހުރިހާ އިރެއް ވަންދެން ނުނިދާ ނަށަން ހުރުމަށް ސުރުޝްތީ ބޭނުންކުރީ ޔޯގާ ނިޑްރާ ނުވަތަ 'ޔޮޖިކް ސްލީޕް' ކިޔާ އުކުޅެކެވެ. މިއީ ނިދި ކޮންޓްރޯލް ކުރަން ގެންގުޅޭ ޓެކްނިކެކެވެ.
ސުރުޝްތީ މި ރެކޯޑް ހެދީ އޭނާ ކިޔަވަމުންދާ އޮޑިޓޯރިއަމްގެ ސްޓޭޖުގަ އެވެ. ސުރުޝްތީ ރެކޯޑް ހަދާ މަންޒަރު ބަލަން އޮޑިޓޯރިއަމް ފުރެންދެން މީހުން ވަދެ ތިއްބެވެ.
މި ތަނުގައި ގިނިސް ވޯލްޑް ރެކޯޑްސް މޮނިޓާކުރާ މީހެއް ކަމަށްވާ ސްވަޕްނިލް ޑަންގަރީކަރް ހުއްޓެވެ. އަދި އެންމެ ވަގުތުކޮޅަކަށް ވެސް ސުރުޝްތީގެ ފަޔަށް މަޑުޖެހުމެއް އާދޭތޯ އޭނާ ވަރަށް ގާތުން ބަލަމުން ގެންގޮސްފައި ވެއެވެ.
މިގޮތަށް ރެކޯޑް ހަދަން ހުއްޓާނުލާ ނަށާއިރު ކޮންމެ ގަޑިއަކުން ފަސް މިނިޓްގެ ބްރޭކެއް ނެގެ އެވެ. ރެކޯޑް ހަދަން މަސައްކަތްކުރާ މީހާ ބޭނުންނަމަ މި ހުރިހާ ފަސް މިނިޓްގެ ބްރޭކް އެއްކޮށްލައިގެން އެއްފަހަރާ ވެސް ނެގިދާނެ އެވެ.
ސުރުޝްތީ މި ރެކޯޑް ހަދާފައިވަނީ ނިދި އަންނާތީ ހަމައެކަނި ކޮފީ ބޮއެގެންނެވެ. އަދި ރޭގަނޑު ތިން ފަހަރެއްގެ މަތިން އޭނާގެ ބްރޭކަށް ލިބުނު ގަޑި ހަމަކޮށްފައި ވެއެވެ. އެ ގަޑީގައި އޭނާ ދެ ބުރެއްގެ މަތިން ނިދާފައި ވެއެވެ. އަނެއް ފަހަރު މައިންބަފައިންނާ ވާހަކަ ދައްކަން މަޑުކޮށްލައިގެން ހުރީ އެވެ.
ސުރުޝްތީ 127 ގަޑިއިރު ނަށައި ރެކޯޑް ހެދުމަށްފަހު ބުނީ އޭނާގެ ހަށިގަނޑުގެ މަސައްކަތް މުޅީން ހުއްޓިއްޖެ ކަމަށެވެ.
"އަހަރެންގެ ހަށިގަނޑުގެ ހުރިހާ ބައިތަކެއް ގަނޑުވެއްޖެ. އަދި މުޅި ހަށިގަނޑުގައި ނުރިހޭ އެންމެ ތަންކޮޅެއް ވެސް ނެތް. ނަމަވެސް އަހަރެން ހުރީ ބޭނުންވާ އަމާޒަށް ވާސިލުވުމަށް ނަފްސާނީ ގޮތުން މުޅިން ތައްޔާރުވެގެން،" ސުރުޝްތީ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.