އިންޑިއާގެ ޖައްމޫގައި ބޭއްވި ޝޯއެއްގެ ސްޓޭޖުގައި ނަށަން ހުރި ޒުވާނަކު ކުއްލިއަކަށް މަރުވެގެން ވެއްޓިއްޖެ އެވެ.
ޔޯގޭޝް ގުޕްތާ ނަމަކަށް ކިޔާ މި މީހާގެ އުމުރަކީ 20 އަހަރެވެ.
އެންޑީޓީވީގެ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި މި މީހާ ވެއްޓުނީ އަންހެން ހެދުމެއް އަޅައިގެން ވަރަށް ގަދަޔަށް ބަނޑިބަނޑި ލައްވާފައި ނަށަނިކޮށެވެ.
މި ނެށުން ބަލަން ގިނަ އަދަދެއްގެ މީހުން އެތަނުގައި ތިއްބެވެ. ނަމަވެސް މި މީހާ ކުއްލިއަކަށް ވެއްޓުމުން އެކަކަށްސް އޭނާ އަށް ސިއްހީ މައްސަލައެއް ދިމާވީކަމެއް ވިސްނާލާކަށް ނޭނގުނެވެ. ސަބަބަކީ ޕާފޯމް ކުރަމުން އޭނާ އޭގެ ކުރިން ވެސް އެއްފަހަރު ތަޅުންގަނޑު މަތީގައި އޮށޯވެފައި ވާތީ އެވެ.
އެފަހަރު އޮށޯވެ އޮވެފައި ތެދުވެ އަނެއްކާ ވެސް ނަށަން ފެށިތާ އިރުކޮޅެއް ތެރޭ ދެވަނަ ފަހަރަށް އޭނާ ސްޓޭޖް މައްޗަށް ވެއްޓުނެވެ.
އޭނާ ވެއްޓިފައި އޮތްއިރު އަތާއި ފައި ހަރަކާތްކުރާ ތަން ފެންނާތީ އާއި އޭނާ ނަށަމުންދިޔަ ލަވަ ވެސް ނުނިމޭތީ، އެއީވެސް އޭނާގެ ޕާފޯމަންސްގެ ބައެއް ކަމަށް ހިތާ އެންމެންވެސް އެތަން ބަލަން ތިބީ އެވެ. ނަމަވެސް ގިނަ އިރުތަކެއް ވީއިރުވެސް އެމީހާ ނުތެދުވުމުންނާއި އެއްވެސް ހަރަކާތެއް ނެތްހެން ހީވެގެން އޭނާއަށް މައްސަލައެއް ދިމާވީ ކަމަށް ހިތާ ބަޔަކު ސްޓޭޖަށް އަރައި ބެލިއިރު އެމީހާ އަށް އޮތީ ހާޓް އެޓޭކެއް ޖެހިފައިކަން ޔަގީން ކުރެވުނެވެ.
ވަގުތުން އެމްބިއުލެންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެ މީހާ އޮތީ މަރުވެފަ އެވެ.
މި ޚަބަރަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އިންޑިއާގައި މިހާރު މި ކަހަލަ ހާދިސާތައް ވަރަށް ގިނައިން ހިނގަ އެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް އެމީހުން ބުނެފައި ވެއެވެ.
ފާއިތުވީ ހަފުތާގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. އުފަން ދުވަހުގެ ޕާޓީއެއްގައި ނަށަން ހުރި 48 އަހަރުގެ ފިރިހެނަކު ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވީ އެވެ. އަދި ހަމަ މިފަދަ ހާދިސާއެއް މަނިޕޫރް ކިޔާ ރަށެއްގައި ވެސް ދާދިފަހުން ހިނގާފައި ވެއެވެ. އެ ފަހަރު ވެސް މަރުވީ ފިރިހެނެކެވެ.
ރަވީ ޝަރުމާ ކިޔާ މި މީހާ ސްޓޭޖުމަތީގައި ނަށަން ހުއްޓާ ވެއްޓިގެން ބެލިއިރު އޮތީ ހާޓް އެޓޭކެއް ޖެހިފަ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.