ދުނިޔެ

ޗައިނާގެ ފޮރިން މިނިސްޓަރު ވޮޝިންގްޓަނަށް ވަޑައިގަތުމަށް ދައުވަތެއް

ޗައިނާގެ ފޮރިން މިނިސްޓަރު ޗިން ގަންގް އެމެރިކާ އަށް ވަޑައިގަތުމަށް އެދިވަޑައިގެން އެމެރިކާގެ ފޮރިން މިނިސްޓަރު އެންތަނީ ބްލިންކެން ދައުވަތު ދެއްވައިފި އެވެ.

ބްލިންކެން މިހާރު އުޅުއްވަނީ ޗައިނާ އަށް ވަޑައިގެން އޮފިޝަލުންނާ މަޝްވަރާ ކުރެއްވުމުގަ އެވެ.

މިއީ މޫސުން ބަލާ ފުއްޕާހަމެއްގެ މައްސަލާގައި ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ހޫނު ބަސްތަކަށް ފަހު -- އެމެރިކާގެ އިސް ވެރިޔަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރަކު 2018 އަށް ފަހު ޗައިނާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ވެސް މެއެވެ.

މި ދަތުރު މިގޮތަށް ކުރެވޭނެކަން މިދިޔަ އަހަރު އިންޑޮނީޝިއާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ޝީ ޖިންޕިންއާ ބައްދަލުކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ، ޗައިނާގެ ހާލަތާ މެދު ބުނެވެނީ 1970 ގައި -- ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރި ފަހުން -- މިހާ ނުތަނަވަސް ދުވަސްތަކެއް ތަޖުރިބާނުކުރާ ކަމަށެވެ.

އެންތަނީ ބްލިންކެން ޗައިނާއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާ ދަތުރުގެ ބޭނުންފުޅަކީ ބޮޑެތި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުން ނޫން ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ނުތަނަވަސްކަމުގެ ސަބަބުން -- އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވުރެ މައުލޫމާތު ބަދަލުކޮށްލެވޭ ފެންވަރަށް ގުޅުން ހަރުދަނާކުރުން މާބުއްދިވެރި ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

އެންތަނީ ބްލިންކެން ދެއްވި ދަތުވަތާ މެދު ޗިން ގަންގް ވަކި ގޮތެއް ނުނިންމަވަ އެވެ. އެހެން ނަމަވެސް، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާ ޗުނިންގް ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން މިހާރު އޮތީ ކޮނޑަށް އަތްލައިގެން ވާހަކަދެކެވޭހާ ގާތްކޮށެއް ނޫނެވެ.

ޗައިނާގެ އަސާސީ ހައްގުތަކަށް އެމެރިކާ ނުކުރާ އިހުތިރާމެއް، އެމެރިކާއަށް ޗައިނާއިން ކުރުމުގެ ބޭނުމެއް އޮތް ކަމަށް ވިސްނިވަޑައި ނުގަންނަވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

އެމެރިކާއިން ޓައިވާންއާ ދެމެދު އޮތް ގާތްކަން އެ ގޮތުގައި -- ޗައިނާއަށް ކަންބޮޑުވުމެއް ގޮތުގައި އޮތްހައި ހިނދަކު އެމެރިކާއާ ހުރިހާ ޗެނަލަކުން ވާހަކަ ނުދެއްކާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. އެހެން ނަމަވެސް، އެންތަނީ ބްލިންކެންގެ ވިސްނުން މިހާރު ހުރީ ޗައިނާއާ ކައިރިވެވޭ ޗެނަލްތަކުން ޗައިނާއާ ގުޅުން ގާތްކުރެއްވުމަށެވެ. އަދި މަޝްވަރާއަށް ހުރި ދޮރުތައް އެ ގޮތުގައި ދެމެހެއްޓުމަކީ އެމެރިކާއަށް ވަރަށް މުހިންމެ ކަމެއް ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.