ދަނޑުވެރިކަމުގެ މަސައްކަތަށް ރަންޒަމާނެއް ގެނެސްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ "ޒުވާން ދަނޑުވެރިޔާ"ގެ ނަމުގައި ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ ރަމްޒީއާ ބައްދަލުކުރެއްވުމަށްފަހު ނަންގަވާފައިވާ ފޮޓޯތަކަކާ އެކު ކުރެއްވި ޓްވީޓެއްގަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ރަމްޒީއާ އެކު ގާސިމް ހުންނެވީ އޭނާގެ ރިސޯޓެއްގައި ހައްދާ ގަސްތަކެއްގެ ތެރޭގަ އެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރުވަމުން މިދާ ގަސްތައް الله ތައާލާގެ އިރާދަފުޅާ މިންވަރުފުޅުން ފޯދޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ދިވެހި ޒުވާން ދަނޑުވެރިޔާ ރަމްޒީ ފަދަ އެތައް ހާސް ދަނޑުވެރީން މި ގައުމުގެ މުސްތަގުބަލަށްޓަކައި ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ދަޑުވެރިކަން ޒަމާނީ ޓެކްނޯލިޖީއާއި އެކު ތަރައްގީކޮށް، ގައުމުގެ ފުޑްސެކިއުރިޓީއަށް އިސްކަންދީ، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ރަންޒަމާން ގެންނާނަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އޭނާއަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި އޭނާގެ ވެރިކަމެއްގައި 100 މިލިއަނަރުން އުފައްދަވައި ދައުލަތުގެ ދަރަނި ޖީޑީޕީ 120 އިންސައްތައިން 90 އިންސައްތައަށް ތިރި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.