ފިނިޕޭޖް

އެޑް ޝީރަން އަށް 18 މިލިއަން ޑޮލަރާއެކު ރިކޯޑެއް

ލަވަ ކިޔުންތެރިޔާ އެޑް ޝީރަންގެ ދެ ޝޯގެ ޓިކެޓް ސޭލްތަކުން 18 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

އެޑްގެ މެތަމެޓިކްސް ޓުއާ ކުރިއަށްދާއިރު ޖޫން 10 އަދި 11 ގައި އެމެރިކާގެ ނިއު ޖާޒީގެ މެޓް ލައިފް ސްޓޭޑިއަމްގައި ބޭއްވި މި ދެ ޝޯއަށް ވަނީ 173،390 ފޭނުން ވަދެ ޓިކެޓް ސޭލްތަކުގެ ރެކޯޑް މުގުރާލާފަ އެވެ.

އެޑް ވަނީ އޭނާގެ އިންސްތަގްރާމްގައި އެމެރިކާގައި ބޭއްވި އެންމެ ބޮޑު ޝޯގެ ވީޑިއޯއެއް ޕޯސްޓްކުރަމުން ޓިކެޓް ސޭލްތަކުގެ ރިކޯޑް މުގުރާލި ކަމަށް ބުނެފަ އެވެ.

މެޓްލައިފް ސްޓޭޑިއަމްގައި އޮތް ޝޯ ނިމުމާއެކު ސްކްރީންތަކުގައި އެޑް އަށް މަރުހަބާ ކިޔަމުން، އެ ތަނުގައި މިހާތަނަށް ބާއްވާފައިވާ ޝޯތަކުގެ ތެރެއިން އެންމެ ޝޯއަކަށް އެންމެ ގިނަ މީހުން (89،106 މީހުން) ވަދެ، ރިކޯޑް މުގުރާލި ކަމަށް އިއުލާންކުރި އެވެ.

އެޑް ބުނީ އެމެރިކާގެ ސަޕޯޓަރުން އޭނާއަށް ކުރި އިތުބާރުގެ އަގު ވަޒަންކުރާ ކަމަށެވެ. އެޑްގެ މި ކާމިޔާބީއާ ގުޅިގެން 2012 ވަނަ އަހަރު ބޭއްވި އޭނާގެ ފުރަތަމަ ޝޯއަށް ދިޔަ 130 މީހުންގެ ހަނދާންވެސް އެޑް ވަނީ އާކޮށްފަ އެވެ.

މެތަމެޓިކްސް ޓުއާގެ އެމެރިކާގެ ޝޯތައް ބޮޑެތި ސިޓީތަކުގައި ކުރިއަށް އޮތްއިރު، އެޑް ވަނީ ކުދި ވެނިއުތަކުގައި ފޭނުންނަށް ސަޕްރައިޒް ޝޯ ތަކެއް ބާއްވާފަ އެވެ.

މެޓްލައިފް ސްޓޭޑިއަމްގައި މީގެކުރިން އޯޑިއަންސް ރިކޯޑް މުގުރާލާފައިވަނީ 2011 ވަނަ އަހަރު ޔޫ2 ގެ 360ޑިގްރީސް ޓުއާގެ ޝޯ ގައެވެ. އެ ޝޯއަށް 88،491 މީހުން ވަދެފައިވެ އެވެ.