ބޭންކް އޮފް މޯލްޑިވްސް

އަންނަ ހޯމަ ދުވަހު ބީއެމްއެލް ހުޅުވާނެ

ބޮޑު އީދު ބަންދު ދުވަސްތަކުގެ ތެރެއިން އަންނަ ހޯމަ ދުވަހު ބޭންކު ހުޅުވާ ހިދުމަތް ދޭނެ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މަރުކަޒީ ބޭންކް -- އެމްއެމްއޭއިން ނިންމާފައިވާ ގޮތުގެ މަތިން އަންނަ ހޯމަ ދުވަހު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ބީއެމްއެލް ހުޅުވާ ހިދުމަތް ދޭނެ ކަމަށެވެ.

އެމްއެމްއޭ އިން ވަނީ އަންނަ ހޯމަ ދުވަހު ބޭންކުގެ ހިދުމަތް ދިނުމަށް ރާއްޖޭގެ ބޭންކުތަކަށް އަންގާފަ އެވެ.

ބީއެމްއެލް އިން ބުނީ އީދު ބަންދު ދުވަސްތަކުގައި އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭންކިންގެ ހިދުމަތް ހޯދުމަށް އެދެވޭނެ ކަމަށެވެ.

މީގެއިތުރުން އީދުގެ ބަންދު ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.