އެމްޑީޕީ

ގިނަ އަދަދެއްގެ ބަޔަކާ އެކު ގާލިބް އެމްޑީޕީއަށް

އިދިކޮޅު ޕީޕީއެމްގެ ސެނެޓް މެންބަރު އަދި އެޕާޓީގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ގާލިބް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

ގާލިބް މިއަދު އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ހާޒިރުގަ އެވެ.

ގާލިބްގެ ފޯމާ ހަވާލުވެވަޑައިގަތީވެސް ރައީސް ސޯލިހް އެވެ.

މި ވަގުތު ޕީޕީއެމްއާ އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް އަދި މާހައުލެއް ނެތް ކަމަށް ވިދާޅުވެ ގާލިބް ޕީޕީއެމް އިން ވަކިވެވަޑައިގަތީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ގާލިބް މިއަދު ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ އޭނާގެ އާއިލާއާއި މިވަގުތު މާލޭގައި ތިއްބެވި ހއ. ވަށަފަރުގެ ބައެއް މީހުންނާ އެކު އެވެ. ވަށަފަރަށް ނިސްބަތްވާ ގާލިބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ވަށަފަރު ހިމެނޭ ކެލާ ދާއިރާ އެމްޑީޕީއަށް ބަދަލުކޮށްލުމުގެ މަސައްކަތް މިއަދު ފެށުނީ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ގާލިބް އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ވައުދުވެ، ވައުދު ފުއްދަވާ ވެރިއެއްކަން ޔަގީންކޮށްދެއްވައިފި ކަމަށެވެ. އެހެންކަމުން ދެވަނަ ދައުރަކަށް ރައީސް ސޯލިހް އިންތިހާބު ކުރުމަށްވެސް އެދިވަޑައިގެންނެވި އެވެ.

ގާލިބަކީ ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަދި ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާރިފްއާއި، ޖޭޕީގެ ނައިބް ލީޑަރު އިގްބާލް އާދަމް އާއި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ.