ފިނިޕޭޖް

ސްޓޭޖަށް އެއްލި ފޯނަކުން ބީބީ ރެކްސާއަށް އަނިޔާވެއްޖެ

ލަވަކިޔުންތެރިޔާ ބީބީ ރެކްސާގެ ކޮންސެޓެއް ކުރިއަށް ދަނިކޮށް މީހަކު އެއްލި ފޯނަކުން ޖެހި އޭނާއަށް އަނިޔާވެއްޖެ އެވެ.

ނިއު ޔޯކްގެ ޕިއާ 17 ގައި ބޭއްވި ކޮންސެޓެއްގައި ސްޓޭޖްމަތީގައި ބީބީ ރެކްސާ ލަވަކިޔާ ޕާފޯމްކުރަނިކޮށް މީހަކު އެއްލި ފޯނެއް ބީބީގެ ވާތްފަރާތު ބުމަ އާއި ލޮލުގެ ދޭތެރޭ ޖެހި އަނިޔާވެފައިވެ އެވެ. މިކަމާ ގުޅިގެން ކޮންސަޓް ނިންމާލާފައި ބީބީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. ލޯމަތިން ފަޅައިގެން ގޮސްފައިވާ ތަން ފަހަންވެސް ޖެހުނު ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ ބީބީ ލަވަކިޔަން ހުއްޓާ އެއްޗެއް ވިއްސައިގެން އައިސް މޫނުގައި ޖެހި، ބީބީ ފަހަތަށްޖެހި ތިރިވާ ތަނެވެ. އަދި ސެކިއުރިޓީން ސްޓޭޖަށް އަރައިގެން ބީބީ ނަގައިގެން ދުރަށް ގެންދާ ތަންވެސް ފެނެ އެވެ. އެހެން ވީޑިއޯއެއްގައި އޯޑިއަންސްގެ ތެރޭގައި "އެއީ އަނިޔާކުރުމޭ" ގޮވަމުން ދަނިކޮށް ސެކިއުރިޓީ ޓޯމުން އައިސް ފިރިހެނަކު ގެންދާތަންވެސް ފެނެ އެވެ.

ބީބީއާ ދިމާލަށް ފޯނު އެއްލީ ނިކޮލަސް މަލްވަންޔާ ކިޔާ 27 އަހަރުގެ ލަގްޒަރީ ޑޯގް ވޯކާއެކެވެ. ނިކޮލަސް ހައްޔަރުކޮށްފައިވާއިރު، މީނާ މިކަން ކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. މީނާ ކޯޓަށް ހާޒިރުކޮށްފައިވާއިރު، މި މައްސަލަ ކުރިއަށްދިޔަ ގޮތުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ބީބީ ވަނީ އޭނާގެ އިންސްތަގްރާމްގައި ބޭސް ނާޅާ ފޮޓޯއަކާއި ބޭސް އަޅާފައިވާ ފޮޓޯއެއް ހިއްސާކޮށް ހާލު ރަނގަޅު ކަމަށް ބުނެފަ އެވެ. މި ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ފޭނުންވަނީ ނުރުހުން ފާޅުކޮށް ބީބީގެ ދިފާއުގައި ވާހަކަދައްކާފައެވެ.

ބީބީގެ ކޮންސަޓްތައް ފިލަޑެލްފިއާ، ވޮޝިންޓަން ޑީސީ، އެޓްލާންޓާ، އޯލޭންޑޯ އަދި ހިއުސްޓަންގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.