ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ދެކޮޅު ހެއްދެވުމަށްފަހު އިދިކޮޅު މަޖިލިސް މެންބަރުންނާ އެކު މިއަދުވެސް މަޖިލީހުގެ ކުޑަދޮށުގައި ވަގުތުތައް ހޭދަކުރައްވަން ފައްޓަވައިފި އެވެ.
މަޖިލިސް އާންމުކޮށް ފަށާ ގަޑި -- ހެނދުނު 9:00 ޖެހުމުގެ ކުރިން ރައީސް ނަޝީދު މިއަދުވެސް މަޖިލިސް ކުރާ ގެއަށް ވަޑައިގެންނެވި ކަމަށް ބައެއް މެންބަރުންގެ ފަރާތުން އަވަސް އެނގިފައިވެ އެވެ.
ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މިއަދުވެސް އިދިކޮޅު މެންބަރުންނާ އެކު ވަގުތުތައް ހޭދަކުރައްވަނީ ކުޑަ ދަށުގައި ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.
"ހަގީގަތުގައި މަޖިލީހުގެ ރައީސް ދައުލަތުގެ އެއްބާރު މިގޮތަށް ހުއްޓުވައިގެން އިންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މަޖިލިސް ރައީސް އުޅުއްވަނީ ނެތް ގާނޫނީ މައްސަލައެއް އުފަންކުރުވައިގެން،" އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ނަޝީދު މިއަދު ކުޑަދަށުގައި އިންނެވި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި މެންބަރުންނާއި ޕީޕީއެމްއާއި ޕީއެންސީގެ ޕީޖީ ލީޑަރުން ވެސް ތިއްބެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެކުއެކީގައި ހުށަހަޅާފައިވާތީ މި ހާލަތުގައި އެ ދެ ބޭފުޅުންނަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ވިދާޅުވެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގެންފަ އެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި އީވާގެ މައްސަލައާއި ނަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ވަކިވަކިން ކަމަށްވާތީ އެއް ބޭފުޅެއް މައްސަލަ ނިމެންދެން އަނެއް ބޭފުޅަކަށް ރިޔާސަތުގައި އިންނެވުމަކަށް ގާނޫނީ ހުރަހެއް ނެތެވެ.
ރައީސް ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ދާޅުވީ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަތީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރެއްވުމަށް ކަމަށެވެ.
ރައީސް ނަޝީދާއި އީވާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެވަޑައިގެންފައިވާތީ މަޖިލީހުގެ އެންމެ ފަހު ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ނެތް ނަމަ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ގަވައިދުގެ ދަށުން ފުރުސަތު ލިބޭ އިތުރު މެންބަރުންނަށްވެސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގަ އެވެ.