ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންނަށް ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކާންދޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މި ވާހަކައެއްް މިގޮތަށް ދައްކާފައި މިވަނީ މިމަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ޖެހިގެން އައި ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވަގުތުތަކުގައި އޭނާއަށް ކާއެއްޗެއް ދީފައި ނުވާ ކަމަށް އެމީހާ ބުނެފައިވާތީ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައި ހުންނަ ކޮންމެ މީހަކަށްވެސް އެ އޮންނަ އުސޫލުގެ ތެރެއިން ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ކޯޓަށް ހާޒިރުކުރަންދެން ބަންދުގައި ބަހައްޓާފައި ހުރީ ގަލޮޅު ޕޮލިސް ސްޓޭޝަން ގައެވެ. ނަމަވެސް އެތަނުގައި މީހުން ބަންދުކޮށްގެން ގެންގުޅެވޭ ގޮތަށް ކަސްޓޯޑިއަލް ފެސިލިޓީއެއް އަދި ގާއިމުކޮށްފައެއް ނުހުރެ އެވެ.
ފުލުހުން އިތުރަށް ބުނީ ގަލޮޅު ޕޮލިސް ސްޓޭޝަންގައި ހަތަރު ގަޑިއިރަށްވުރެ އިތުރުވާ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި އެއްވެސް މީހަކު ނުބަހައްޓާނެ ކަމަށެވެ.