އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ސަޕޯޓުކުރައްވާ ބޭފުޅުން އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް"ގެ މެންބަޝިޕް ފޯމުތައް ބަލައި ޕްރޮސެސްކޮށް ނިންމާލައިފި އެވެ.
އަވަސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަޝިޕް ފޯމުތައް މިހާރު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށެވެ. ނަމަވެސް ކޮމިޝަނުން ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ބައްދަލުވުމަށް ކޮމިޝަންގެ މެމްބަރުން ހަމަނުވާތީ ކޮމިޝަންގެ ޖަލްސާ ބޭއްވޭ ގޮތް ނުވާ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
"ޖަލްސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ބޭއްވޭގޮތް ނުވީ. އެހެންވެ ދަ ޑިމޮކްރެޓްސް ޕާޓީއަށް ރަޖިސްޓްރީ ދޭން އަދި ފާސް ނުކުރެވޭ،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގައި ތިއްބަވާ ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު މިވަގުތު ހުންނެވީ ހައްޖުގެ އަޅުކަމުގަ އެވެ. އެހެންވެ ދަ ޑިމޮކްރެޓްސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ހުއްދަ ދިނުމާ މެދު ގޮތެއް ނިންމުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބޭއްވި ޖަލްސާގައި ވަނީ ވޯޓު އެއްވަރުވެފަ އެވެ.
މިޖަލްސާގައި ދަ ޑިމޮކްރެޓްސްއަށް ރަޖިސްޓްރީ ދޫކުރަން ވޯޓު ދެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާއި ނައިބް ރައީސް އިސްމާއީލް ހަބީބް އެވެ. އެކަމަކު ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފް އާއި އަލީ ނަޝާތު ވޯޓު ދެއްވީ ފޯމުތައް ޕްރޮސެސްކުރުމަށް ގާނޫނުގައި ބުނާ މުއްދަތުގެ ބޭނުން ހިފައި ފޯމުތައް ރަނގަޅަށް ޗެކް ކުރުމަށްފަހުގައި ނޫނީ ރަޖިސްޓްރީ ނުދޭށެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕާޓީއެއް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން ފޯމުތައް ޕްރޮސެސްކޮށް ސައްހަ ފޯމުތަކެއްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ތިން މަސް ދުވަސް ލިބިގެންވެ އެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން މިމަހުގެ އެއްވަނަ ދުވަހު ހުށަހެޅީ 3،560 ފޯމާ އެކު އެވެ.
ފުއާދު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ހުށަހެޅި ގިނަ ފޯމުތައް ހުރީ ގާނޫނުގައި ބުނާ ގޮތަށް ކަމަށެވެ. މައްސަލަ އުޅޭ ފޯމުތަކުގައިވެސް ހުރި މައިގަނޑު މައްސަލަ އަކީ މުއްދަތު ހަމަވެފައި ހުރި އައިޑީ ކާޑު ހުރުން ކަމުގައިވެސް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އިން ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ނަމަވެސް އެ ޕާޓީ ރަޖިސްޓްރީ ކުރަން ތިން މަސް ދުވަސް ހޭދަވާނަމަ އެ ޕާޓީގެ ނަމުގައި ކެންޑިޑޭޓަކު ނެރުމަށް ހުރަސް އެޅިގެންދާނެ އެވެ.