ލަވަ ކިއުންތެރިޔާ ބީބީ ރެކްސާއާ ދިމާލަށް ފޯނު އެއްލީ މަޖަލަކަށް ކަމަށް އެ ފޯނު އެއްލި މީހާ، ނިކޮލަސް މަލްވަންޔާ، 27، ޕޮލިސް ގާތު ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ނިއު ޔޯކްގެ ޕިއާ 17 ގައި ބޭއްވި ކޮންސާޓެއްގައި، ބީބީ ރެކްސާ ސްޓޭޖްމަތީ ލަވަކިޔަނިކޮށް، ނިކޮލަސް އެއްލި ފޯނަކުން ބީބީއަށް އަނިޔާވެގެން، ކޮންސަޓް ނިންމާލާފައި ބީބީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ. މި ހާދިސާގެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.
ބީބީ އިންސްތަގްރާމްގައި ބޭސް ނާޅާ ފޮޓޯއަކާއި ބޭސް އަޅާފައިވާ ފޮޓޯއެއް ހިއްސާކޮށް، ހާލު ރަނގަޅުކަމަށް ބުނެފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ ވާތްފަރާތު ބުމަ ތިރިން ކަނޑައިގެން ގޮސްފައިވާތަނެވެ.
ނިކޮލަސް ވަނީ އެތަނުން ހައްޔަރުކޮށްފައެވެ. މީނާގެ މައްޗަށް ފުރައްސާރުކުރުމާއި އަނިޔާކުރުމަށް މަސައްކަތްކުރިކަމުގެ ދައުވާތަކެއް އުފުލާފައިވެއެވެ. މި މައްސަލައިގެ ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، ނިކޮލަސް މަސައްކަތްކުރީ ޝޯ ނިމޭ ހިސާބުގައި ބީބީގެ ގައިގާ ޖެހޭތޯ ބަލަން ފޯނު އެއްލުމަށެވެ. އޭރުން މަޖާވާނެތީއެވެ. ނިކޮލަސް ދެން ކޯޓަށް ގެންދާނީ ޖުލައި 31، 2023 ގައެވެ.
![](https://images-01.avas.mv/post/big_ju2InIwMS5QZwOaYWiEyh9buT.jpg)
ނިކޮލަސްގެ ވަކީލް ޕީޕަލްއަށް ދިން ބަޔާނުގައި ބުނީ ނިކޮލަސް ބޭނުންވީ އެހެން ފޭނުންނެކޭ އެއްފަދައިން ބޭނުންވީ އެއްލި ފޯނު ބީބީ އަނބުރާ ރައްދުކުރާއިރު، ބީބީއާ މުއާމަލާތު ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އަދި އޭނާގެ ނިޔަތަކީ އެއްވެސް ގޮތަކަށް ބީބީއަށް އަނިޔާއެއް ދިނުމެއް ނޫންކަމަށެވެ.
މި ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ފޭނުންވަނީ ނުރުހުން ފާޅުކުރަމުން އެފަދަ އަމަލެއް ކީއްވެތޯ ކުރަންވީ ސުވާލުކޮށް، ބީބީގެ ދިފާއުގައި ވާހަކަދައްކާފައެވެ.
ބީބީ އިންތަގްރާމްގައި އިއްޔެ ބުނެފައިވަނީ އެ ޝޯ ހީނުކުރާ ގޮތަކަށް ނިމުނުނަމަޗެސް އޭނާގެ ރަށުގައި އެ ބޭއްވުނީ ވަރުގަދަ ކޮންސަޓެއް ކަމަށެވެ. އަދި ނިއު ޔޯކް އަށް ޝުކުރު އަދާކޮށް، ލޯބިވާ ކަމަށް ބުނަމުން ޓުއާ ކުރިއަށް ދާންވާނެކަމަށް ބީބީ ބުނެފައިވެއެވެ. ބީބީގެ ކޮންސަޓްތައް ފިލަޑެލްފިއާ، ވޮޝިންގޓަން ޑީސީ، އެޓްލާންޓާ، އޯލޭންޑޯ އަދި ހިއުސްޓަންގައި ކުރިއަށްދިއުމަށް ވަނީ ހަމަޖެހިފައެވެ.