މޯލްޑިވިއަން އައިޑޮލް

ތިއޭޓާ ރައުންޑްގެ ހޫނު އިހްސާސްކުރެވުނުތަ؟

ތިއޭޓާ ރައުންޑްގައި ވާދަކުރި ބައެއް ލަވަކިޔުންތެރިން ބުނެފައި ވަނީ އެމީހުންނަށް އަސްލު ފެންވަރު ނުވަތަ އެންމެ ހިތްހަމަޖެހޭ ފެންވަރަކަށް ޕާފޯމްނުކުރެވުނީ ދިޔަ ހޫނެއްގައި ޕާފޯމްކުރަން ޖެހުމުން ކަމަށެވެ. މިސާލަކަށް އޮޑިޝަނުން ފެށިގެން އާދަޔާހިލާފު ހުނަރުވެރިކަމެއް ދައްކަމުން އަންނަ އަބްދުﷲ ފާލިހް އާދަމް އަކީ ހޫނުގެ އިހްސާސްކުރެވިގެން ތިއޭޓާ ރައުންޑްގެ ފުރަތަމަ ބުރުގައި އަދި ދެ ވަނަ ބުރުގައި ވެސް އެ ޝަކުވާކުރިތަން ފެނުނު ބައިވެރިއެކެވެ.

ތިއޭޓާ ރައުންޑުން ކަޓައިގެން ދިޔަ ހުސެއިން ޝަހުދާން ވެސް މި ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އަވިގަދަވުމަކީ ލަވަކިޔަން އުނދަގޫވި ކަމެއް ކަމަށެވެ.

އެހިސާބުން ބައެއް މީހުން ބުނަން ފެށީ ދިވެހިންނަށް އެއް ކަމެއް ވެސް ރަނގަޅުނުވާނެ ކަމަށާއި އަބަދުވެސް ގޯސްވާނީ މޫސުމް ކަމަށެވެ. ފުޓްބޯޅައިން ބަލިވިޔަސް ދިވެހިން ބަލިވަނީކީ އެއްގޮތަކަށް ވެސް ފުޓްބޯޅަ ކުޅެން ދިވެހިން ބަލިވީމައެއް ނޫނެވެ. އެންމެ އާންމު ސަބަބަކީ މޫސުމަށް ދިވެހިން ބަލިވުމެވެ. ނުވަތަ މޫސުމް އާދަޔާހިލާފަށް ގޯސްވުމެވެ.

ކޮންމެއަކަސް މޯލްޑިވިއަން އައިޑޮލްގެ ތިއޭޓާ ރައުންޑެއް އދ. ދަނގެތީގެ ހިތްގައިމު ބީޗެއްގައި ކުރިއަށް ދިޔައިރު އެންމެ ބޮޑަށް ޝޯއަށް އޮހުނު ޝަކުވާއަކަށް ވެފައި އޮތީ މޫސުމުގެ ޝަކުވާ އެވެ. ދިވެހިންނަށް މިފަހަރު ދިވެހިންގެ މޫސުމް ވެސް ކަމުނުދިޔައީ އެވެ. ވަކިން ހާއްސަކޮށް ލަވަ ހުށަހަޅައިދޭން ޖެހުނު މާހައުލަށް އަވި ދީފައި އޮތުމުންނާއި ރަތްދަގަ އަވީގައި ބައެއް ކުދިން ލަވަ ހުށަހަޅައިދޭން ޖެހުމުން އެ ކުދިންނަށް ވުރެ ބޮޑަށް އޭގެ ހޫނުގައި ފިހު ބަޔަކަށް ވެފައި ތިބީ ޝޯ ބަލަން ތިބި އާންމުންނެވެ.

ދެންވީ ގޮތަކީ ބެލުންތެރިން ކެކިއަރައިގަނެގެން ގޮސް ބޮކިޖަހައިގަތީ އެވެ. އެހެންވީމަ، ތިއޭޓާ ރައުންޑް، ދަނގެތީގެ އަވިގަދަ ބީޗެއްގައި ކުރިއަށް ގެންދިއުމަކީ ހަގީގަތުގައި ވެސް އޭގެ ނޭދެވޭ އަސަރު ލަވަކިޔުންތެރިންނަށް ކުރި ކަމެއް ހެއްޔެވެ؟

އެކަމަކު އޭގެ ކުރިން މި އޮތީ އެހެންވާހަކަ އެކެވެ.

ތިއޭޓާ ރައުންޑް ރަތްދަކަ އަވީގައި ގެނެސްމިދިނީ އަލަކަށް ނޫން!

ތިއޭޓާ ރައުންޑްގައި ލަވަކިޔަން ޖެހުނު ކުދިންނަށް މޯލްޑިވިއަން އައިޑޮލް އިން ފައްކާކޮށްދީފައި އޮތް މާހައުލުގެ ޝަކުވާއަކީ ހަގީގަތުގައި ވެސް ނިކަން ބޮޑުވެފައި އޮތް މައްސަލައެކެވެ. "އެއީ ދެން މީހުން ޝޯތައް ކުރިއަށް ގެންދާ ގޮތްހޭ" ކިޔައި ބެލުންތެރިން ބިސްކޮލާޓާ އާއި އެކްސެލް އުކަމުން އަންނައިރު ޝޯއިން ކަޓައިގެން ދިޔަ ކުއްޖަކު ވެސް ބުނީ ތިއޭޓާ ރައުންޑު ކުރިއަށް އެ ގެންދިޔަ ގޮތަށް ދުނިޔޭގެ އެއްވެސް ތަނެއްގައި އެފަދަ ޝޯއެއްގެ ރައުންޑެއް ކުރިއަށް ގެންގޮސްފާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އެކަމަކު ހަގީގަތަކީ މި ފޯމެޓަކީ އައިޑޮލްގެ ފްރެންޗައިޒް އަދި ސްޕިންއޮފް ޝޯތަކުގައި ވަރަށް ވެސް އާންމު ފޯމެޓެއް ކަމެވެ. މޯލްޑިވިއަން އައިޑޮލްގެ ތިއޭޓާ ރައުންޑް ގެނެސްދިން ގޮތާ އެންމެ ގާތްކުރާ ފާޑަކަށް ތިއޭޓާ ރައުންޑް ގެނެސްދީފައިވާ އައިޑޮލްގެ އެހެން ޝޯ އަކީ ޖަރުމަނުގެ އައިޑޮލް ޝޯ އެވެ.

ޕޮޕް އައިޑޮލްގެ ސްޕިން އޮފްއެއްގެ ގޮތުގައި ޖަރުމަނުގެ އާރްޓީއެލް އިން ގެނެސްދޭ "ޖާމަނީ ސީކްސް ސުޕަސްޓާ" ގެ ތިއޭޓާ ރައުންޑަކީ ބީޗުގައި ނުވަތަ އަވީގައި ގެނެސްދިނުމަށް މަޝްހޫރު ރައުންޑެކެވެ. ބުނެވޭ ގޮތުގައި މި ޝޯގެ ތިއޭޓާ ރައުންޑް ރާއްޖޭގެ ހިތްގައިމު ބީޗެއްގައި ވެސް ޝޫޓްކޮށްފައިވެ އެވެ.

އެކަމަކު އޮޅުވާނުލައްޗެވެ. ތިރީގައި މިވާ ވީޑިއޯ އިން އެ ފެންނަނީ ރާއްޖެއެއް ނޫނެވެ.

މޯލްޑިވިއަން އައިޑޮލް އަކީ ނިކަން ބޮޑު އިމްތިހާނެއް!

ފަހަރެއްގައި އަވީގައި ނުވަތަ ވާރޭ ތެރޭގައި ލަވަކިޔަން ޖެހިދާނެ ރައުންޑެއް މި ޝޯގެ ބައިވެރިންނާ ކުރިމަތިވުމުގެ ފުރުސަތު އޮންނަނީ ވެސް އެހެންވެގެންނެވެ. މިއީ ގޭގެ ސޯފާގައި އޮވެ ލަވަކިޔާލައިގެން ނުވަތަ ފެންވަރާ މަގަނޑު ދަށުގައި ހުރެ ލަވަކިޔައިގެން 250،000 ރުފިޔާ ލިބޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ޝޯއެއް ނޫނެވެ.

އެހެން ނޫނަސް ލަވަކިޔުންތެރިޔަކަށް ވުމަށް އެދޭ ނަމަ އަދި ރާއްޖޭގައި ހުރި އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަގާމު ބޭނުން ނަމަ ގުރުބާނީތަކެއް ވާން ޖެހޭނެ އެވެ. މޯލްޑިވިއަން އައިޑޮލް އަކީ އެއީ އެވެ. މި ޝޯ އަކީ ގޮންޖެހުންތަކާ ކުރިމަތިވާނެ ޝޯ އެކެވެ. އެ ހުރިހާ ގޮންޖެހުމަަކުން ފާސްވާ މީހާ މި ނަގަނީ އައިޑޮލްގެ ގޮތުގަ އެވެ.

އެހެންވީމަ ތިއޭޓާ ރައުންޑުގެ ހޫނުގަދަވެގެން ބަޔަކު މީހުން އަދި ފާޑެއްކިޔަސް އެއަށް މާ ބޮޑު ސަމާލުކަމެއް ދިނުމުގެ ބޭނުމެއް ނެތެވެ. މޮޅެތި ލަވަކިޔުންތެރިންނަކީ އަތްވާއި ވާރޭ ތެރޭގައި ވެސް ލަވަ ހުށަހަޅައިދެވޭ ފެންވަރުގެ މީހުންނެވެ.

މޯލްޑިވިއަން އައިޑޮލްގައި އަތްފުނާ އަޅަމުން ދަނީ އެންމެ މޮޅު ލަވަކިޔުންތެރިޔާއަކަށް ނޫން ހެއްޔެވެ؟

އެހެން ނޫނަށް މިފަދަ އިންޓަނޭޝަނަލް ޝޯއެއް ރާއްޖެ ގެނެވިގެން އުޅޭއިރު ރާއްޖޭގެ ހިތްގައިމުކަން ބޭރު ދުނިޔެ އަށް ވިއްކުމަށް ކުރަން ޖެހޭ ކެމްޕޭން ވެސް މި ޝޯއެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކުން އަދި އޭގައި މައްސަލައެއް ނެތެވެ. މޯލްޑިވިއަން އައިޑޮލް އެ ދަނީ އައިޑޮލްގެ ޝޯތަކަށް މަރުދޭ އެހެން ގައުމުތަކުގެ މީހުންގެ މެދުގައި ވެސް މަގްބޫލުކަން ހޯދަމުންނެވެ. ޔަގީނަށް ވެސް މި ޝޯގެ ސަބަބުން ރާއްޖެ ވެސް ބޭރުގެ އެތައް ބައެއްގެ މަގްބޫލު މަންޒިލަކަށް ބަދަލުވެގެންދާނެ އެވެ.