އެޓްލާންޓިކް ކަނޑަށް ފެތިފައި އޮތް ޓައިޓޭނިކް ދޮށަށް ދަތުރުކުރި ކުޑަ ސަބްމެރީނެއް އޭގައި ތިބި ފަޅުވެރިންނާ އެކު ވަނީ ގެއްލިފަ އެވެ. މީހުން ހޯދައި ސަލާމަތްކުރާ ޓީމްތަކުން އެކި ބާވަތުގެ އުޅަނދުތަކުގައި މާކަނޑަށް ފީނައި ދަނީ އެ މީހުންގެ އިޝާރާތެއްވޭތޯ ބަލަމުންނެވެ.
ޓައިޓޭނިކް ސައިޓަށް ފީނަން ދިޔަ އިނގިރޭސި ތަޖުރިބާކާރު މެގޭލަން ކުންފުނީގެ ޑައިވަރުންގެ ޓީމެއް ވެސް މިހާރު ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ. އެހެން ނަމަވެސް ޚަބަރުތައް ބުނާ ގޮތުން ފުން ކަނޑަށް ފަރިތަ އިނގިރޭސި ޑައިވަރުންނަށް -- ޓައިޓޭނިކް ދޮށަށް ފީނުމުގެ ހުއްދަ އެމެރިކާއިން ދޭކަށް ބޭނުމެއް ނުވެ އެވެ.
އެމެރިކާއިން ބޭނުންވަނީ އެ މީހުންގެ އަމިއްލަ ސާމާނުގައި ހަމައެކަނި އެ ގައުމުގެ ޑައިވަރުން ޓައިޓޭނިކަށް ފައިބައި މީހުން ސަލާމަތްކުރުމަށެވެ.
މެގޭލަންގެ ފަރާތުން އިނގިރޭސި ނޫސްތަކަށް ބްރެޓަން ހަންޗާކް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ޑައިވަރުންނަކީ ޓައިޓޭނިކް ސައިޓަށް ފަރިތަ ބައެކެވެ. އަދި ދާދި ފަހުންވެސް ޓައިޓޭނިކް ދޮށުގައި ވީޑިއޯކޮށް ފޮޓޯ ނަގައި ތުރީޑީ މޮޑެއްލްތަކެއް ވެސް އެ ކުންފުނިން ކުރެހި އެވެ.
ޓައިޓޭނިކް ދޮށަށް ފީނި ސަބްމެރީން އަކީ އެއްޗެއްގައި އަޅައިގެންފިނަމަ އަމިއްލައަށް ނެއްޓުމުގެ ކުޅަދާނަކަން ނެތް އުޅަނދެއް ކަމަށްވެސް ބްރެޓަން ހަންޗާކް ވިދާޅުވި އެވެ. މިހެންކަމުން މެގޭލަންއިން ފުން ކަނޑުގައި ދުއްވާ އުޅަނދު ފިޔަފައި އެފަދަ ހާލަތަކުން މީހުން ސަލާމަތްކުރެވޭނެ އުޅަނދެއް މި ވަގުތު ތައްޔާރީ ހާލަތުގައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބްރެޓަން ހަންޗާކް އަދި ވިދާޅުވީ ގެއްލިފައިވާ މީހުން ހޯދުން އަވަސްކުރަން އެދޭނަމަ އިނގިރޭސި ޑައިވަރުންނަށް ހުއްދަދޭން ޖެހޭ ކަމަށެވެ. އަދި އެމެރިކާގެ ކޯސްޓްގާޑުން އެއްވެސް ހުރަހެއް ކުރިމަތިކޮށްގެން ނުވާނެ ކަމަށެވެ.
އެމެރިކާގެ ކޯސްޓް ގާޑުން ބުނި ކަމަަށް ބްރެޓަން ވިދާޅުވީ އެމެރިކާގެ އުޅަނދުތައް ބޭނުންކޮށް މީހުން ސަލާމަތްކުރަން އެ މީހުން ބޭނުންވާ ކަމަށެވެ. އެކަމަކު އެ މީހުންގެ އަތުގައި ތައްޔާރަށް އޮތީ 3،000 މީޓަރަށް އަޑިއަށް ދެވޭ އުޅަނދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މެގޭލަންގެ އުޅަނދަށް 5،000 މީޓަރަށް އަޑިއަށް ދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ޓެލެގްރާފް ނޫހަށް ބްރެޓަން ވިދާޅުވި ގޮތުގައި ދެބައި މީހުން ގުޅިގެން ކަނޑަށް ފީނުން އެންމެ ރަނގަޅު ކަމަށް އެމެރިކާ ކޯސްޓް ގާޑުންގެ އޮފިޝަލުންނަށް ދެންނެވި ކަމަށެވެ. އެކަމަކު އަދިވެސް އިނގިރޭސި ޑައިވަރުންނަށް ހުއްދަ ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.