މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދިރާސީ އަހަރު ނިންމާ ބޮޑު ޗުއްޓީ ފަށައިިފި

ދިރާސީ އަހަރު ނިންމުމަށްފަހު ސްކޫލުތަކުގެ ބޮޑު ޗުއްޓީ މިއަދު ފަށައިިފި އެވެ.

ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފަށާފައިވާއިރު ދަރިވަރުންނަށް ހިތްވަރު ދިނުމަށާއި މުޅި އަހަރު ކުރި މަސައްކަތްތަކާ ގުޅޭގޮތުން ދަރިވަރަށް މައުލޫމާތު ދިނުމަށް މިއަދު ސްކޫލަށް ހާޒިރުކުރި ނަމަވެސް ދަރިވަރުންނަށް މިހާރު ރިޕޯޓް ފޯމު ދެނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޯޓަލް، މީމިސް މެދުވެރިކޮށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ 2023-2024 ވަނަ އަހަރުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މިއަހަރުގެ އޮގަސްޓް ހަވަނަ ދުވަހު އެވެ.

ފުރަތަމަ ޓާމުގައި 93 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ޓާމު ނިމޭނީ މިއަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމުގެ މިޑް ޓާމަށް ސްކޫލުތައް ބަންދު ވާނީ މިއަހަރުގެ އޮކްޓޫބަރު 15 އިން 19 ވަނަ ދުވަހަށެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ހަތެއް، 2024ގަ އެވެ. ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައި ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޓާމު ނިމޭނީ ޖޫން 13، 2024 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ޓާމަށް ސްކޫލުތައް ބަންދު ވާނީ އަންނަ އަހަރުގެ އެޕްރީލް ހަތަކުން 11 ވަނަ ދުވަހަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށީ 271 ސްކޫލެއްގައި 92،300 އެއްހާ ދަރިވަރުންނާއެކު އެވެ. އޭގެ ތެރޭގައި ސަރުކާރުގެ 217 ސްކޫލު ހިމެނޭއިރު ސަރުކާރު ސްކޫލުތަކުގައި 76،000 އަށްވުރެ ގިނަ ދަރިވަރުން ކިޔެވި އެވެ.