މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ ހާމިދު ސޭޓްގެ ކުންފުނި، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް (އެމްސީއެމް) އަތުން އެ މަޝްރޫއު ނަގައި އެހެން ބަޔަކާ ހަވާލު ކުރަން ސަރުކާރުން ނިންމައިފި އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ބޮޑެތި ތުހުމަތުތައް ކުރެވޭ އެމްސީއެމްއާ އެ ޕްރޮޖެކްޓް ހަވާލު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ފަހުކޮޅު އެވެ. އަދި އެ ޕްރޮޖެކްޓް އިފްތިތާހު ކުރީ އަދީބު އާއި ހާމިދު އެ އަތޮޅަށް ވަޑައިގެންނެވެ.
އެ އަތޮޅު ކުޑަފަރީ ބަނދަރުހުޅުވުމުގެ ގޮތުން ރައީސް ވިދާޅުވީ، މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްސީއެމް އަށް ދެން އެ މަޝްރޫއު ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ، އެ ކުންފުނީގެ ހިއްސާދާރުން އަމިއްލައަށް ކުރި ކަންތައްތަކެއްގެ ސަބަބުން ޝަރުއީ މަރުހަލާގައި ކަންތައްތަކެއް ކަނޑަތު ކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، ކައިރި މުސްތަގުބަލެއްގައި އެޕްރޮޖެކްޓް ހިންގޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު މި ދަތުރަށް ފަހު ގޮސް އެކަމުގައި އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށް ގޮތްތަކެއް ނިންމާނަން. އަދި މި ޕްރޮޖެކްޓް ދެން ހަވާލު ކުރާނީ މި އަތޮޅުގެ ރައްޔިތުންނާއި އަޅުގަނޑަށް މިކަން ކުރެވޭނެ ކަމަށް ޔަގީން ކުރެވޭ ފެންވަރުގެ ބަޔަކާ،" ގިނަ ދުވަސްތަކެއް ވަންދެން ނުފެށި އޮތް އެ އެއާޕޯޓްގެ މަޝްރޫއާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ނ އަތޮޅަށް ވަރަށް މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ދުށް އެންމެ ބޮޑު ކޮރަޕްޝަން ހިންގި އަދީބާއި ހާމިދަށް ދެން އެ މަޝްރޫއު ނުހިންގޭނެ ކަމަށެވެ. ސިޔާމް ވަނީ އެ އެއާޕޯޓް ހެދުމަށް އޭނާ ޝައުގުވެރިވާކަން ފާޅު ކުރައްވައިފަ އެވެ. ވިދާޅުވީ ބިޑްކޮށްގެން އޮންނަ އުސޫލުތަކުގެ ތެރެއިން އެއާޕޯޓްގެ މަސައްކަތް އޭނާއަށް ލިބިއްޖެ ނަމަ، ދެ އަހަރުގެ ތެރޭގައި އެއާޕޯޓް އެކީ ނިންމައި އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.