ފިނިޕޭޖް

ލުއިސް ޓޮމްލިންސަންގެ ޝޯއަށް ބޮޑު ތޫފާނެއް

ވަން ޑައިރެކްޝަން" ބޭންޑްގެ ކުރީގެ މެމްބަރެއް ކަމުގައިވާ ލުއިސް ޓޮމްލިންސަންގެ ކޮންސަޓް ބޮޑު ތޫފާނެއްގެ ސަބަބުން ހުއްޓިއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކޮލަރާޑޯގެ ރެޑް ރޮކްސް އެމްފިތިއެޓާގައި އޮތް މި ޝޯގެ އޯޑިއަންސް އާއި ލުއިސްގެ ބޭންޑް ކުރިމަތިލާން ޖެހުނީ ބޮޑު ހެއިލްސްޓޯމަކާއެވެ.

މި ހެއިލްސްޓޯމާ ގުޅިގެން 100 ވަރަކަށް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ. އަދި ހަތް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ. މި ތޫފާނުގެ ސަބަބުން ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ތަންތަން ކަނޑައިގެން ދިއުމާއި ތަންތަން ބިންދައިގެން ދިއުން ހިމެނެ އެވެ.

މި ހާދިސާއާމެދު ހިތާމަ ފާޅުކުރަމުން ލުއިސް ބުނީ އޭނާއަށް ކޮންސަޓް ކުރިއަށް ގެންދަން ފުރުސަތު ނުލިބުނު ނަމަވެސް، ފޭނުންގެ ލޯބި އިހުސާސްވާ ކަމަށާއި ދެން ކޮންސަޓް އޮންނާނެ ދުވަހެއްގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ރެޑް ރޮކްސް ކޮންސަޓަކީ އެކި ލަވަ ކިޔުންތެރިން ބައިވެރިވެ، ޕާފޯމްކުރާ ކޮންސަޓެކެވެ.

މި ހެއިލްސްޓޯމްގެ ސަބަބުން ލުއިސްއަށް ޕާފޯމް ނުކުރެވުނެވެ. އެ ސަރަހައްދުގައި މޫސުން ގޯސްވެގެން ޝޯ ވަނީ ދެފަހަރަށް ފަސްވެސް ކޮށްފަ އެވެ. އަދި ކޮންސަޓް ކުރިއަށް ދާން އޯކޭއޭ ބުނުމުން ކޮންސަޓްގެ ބެލުންތެރިން ވަނީ އަނބުރާ އެތަނަށް ގޮސްފަ އެވެ.

ހެއިލް ސްޓޯމްގައި ވާރޭ ތިކި ފިނީގެ ސަބަބުން ގަނޑުފެން ތިއްކަށް ބަދަލުވެ، ވެހެ އެވެ. އެފަދަ ހަރު އެއްޗެއް ބާރުމިނުގައި ވެހެމުންދާއިރު، އެ ގައިގާ ޖެހޭ މީހުންނަށް އަނިޔާވެ އެވެ.