އިލެކްޝަންސް ކޮމިޝަން

ވޯޓާސް ލިސްޓަށް 551 ޝަކުވާ ހުށަަހަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތުގައި 551 ޝަކުވާ ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓް މިމަހުގެ 11 ވަނަ ދުވަހު އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލީ އިއްޔެ މެންދުރު ފަހު 3:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެންމެ ގިނައިން ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުން ލިސްޓްގައި ހިމެނިގެން ހުށަހެޅި ޝަކުވާތަކެވެ. އެގޮތުން އެފަދަ 465 ޝަކުވާއެއް ހުށަހަޅާފައިވާއިރު އެޑްރެސް ބަދަލުވެގެން 58 ޝަކުވާ ހުށަަހަޅާފައިވެ އެވެ. ލިސްޓުގައި ނަން ނެތިގެން 19 ޝަކުވާ، ނަން ބަދަލުވެގެން ފަސް ޝަކުވާ، ދާއިރާ ބަދަލުވެގެން ތިން ޝަކުވާ އަދި އައިޑީކާޑު ބަދަލުވެގެން ހުށަހެޅި ޝަކުވާއެއްވެސް ހިމެނެ އެވެ.

އިންތިހާބުގއި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖުލައި 16 ވަނަ ދުވަހު އެވެ.

ރީރަޖިސްޓްރީ ކުރުން ފަސޭހަކޮށްދިނުމަށްޓަކައި އޮންލައިންކޮށް އެކަން ކުރެވޭނެ އިންތިޒާމު ކޮމިޝަނުން ގެންދަނީ ހަމަޖައްސަމުން އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ކުރިއަށް ޖުލައި 23 އޮގަސްޓް ތިނަކަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށާއި، ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މަތީ ކޯޓަކުން ދަށު ކޯޓުގެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރުވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.