ޓޫރިޒަމް

ގަދަ 22 އެއާލައިންގެ ތެރޭގައި ޓޫރިޒަމްގެ ގަދަ އަށެއް

Jun 24, 2023

ރާއްޖެއަށް ސީދާ ދަތުރުކުރާ 22 ގައުމުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ އަށް ގައުމު ހިމެނިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް 22 ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެ އެވެ. ގައުމީ އެއާލައިން ހިމެނޭ ގޮތަށް 36 އެއާލައިނަކުން ރާއްޖެއަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރެ އެވެ.

ރާއްޖެއަށް މިހާތަނަށް 886،978 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 780،507 ފަތުރުވެރިންނަށްވުރެ 13.6 ޕަސަންޓު އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • އިންޑިއާ - 104،975 ފަތުރުވެރިން
  • ރަޝިއާ - 104،802 ފަތުރުވެރިން
  • ޔޫކޭ - 77،840 ފަތުރުވެރިން
  • ޖަރުމަނު - 64،273 ފަތުރުވެރިން
  • އިޓަލީ - 63،131 ފަތުރުވެރިން
  • ޗައިނާ - 57،432 ފަތުރުވެރިން
  • އެމެރިކާ - 36،827 ފަތުރުވެރިން
  • ފްރާންސް - 30،045 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 19،651 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 16،718 ފަތުރުވެރިން

ފަތުރުވެރިކަމުގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް ސީދާ ދަތުރުތައް ނުކުރަނީ އެމެރިކާ އާއި ދެކުނު ކޮރެއާއިންނެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް މިހާރު 170 ރިސޯޓާއި 906 ގެސްޓްހައުސް އާއި 160 ސަފާރީ އުޅަނދުގެ އިތުރުން 13 ހޮޓާ ހިންގަ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 60،908 އެވެ.