އިލެކްޝަންސް ކޮމިޝަން

ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް 14 ދުވަސް ލިބިއްޖެ

ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް ކުރިމަތިލުމަށް 14 ދުވަހުގެ މުއްދަތެއް ލިބިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ނެރުނު ރިޔާސީ އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާނީ ޖުލައި 23 އިން އޮގަސްޓް 3 އަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ރ)އަށް ސަރުކާރުން ހުށަހެޅި މިމަހުގެ 19 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިއިސްލާހު މިމަހުގެ 21 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

އިސްލާހު ތަސްދީގުކުރެއްވުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލުމަށް މިހާރު ހަމަޖައްސާފައިވަނީ ޖުލައި 23 އިން ޖުލައި އޮގަސްޓް 7 އަށެވެ. އެހެންކަމުން އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް ކުރިން ލިބޭ 10 ދުވަހުގެ ބަދަލުގައި މިހާރު 14 ދުވަސް ލިބޭނެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގާނޫނުގައި ކެންޑިޑޭޓުންގެ ފޯމު ބަލައިގަތުުގެ މުއްދަތަށް ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ މުހިއްމު ތާރީހުތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން. ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް 30 ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަ ދުވަހު." ގާނޫނަށް ގެނައި ބަދަލާ އެކު ތާރީހުތަކަށް ވެގެންދާ ގޮތް ސާފުކޮށްދެއްވަމުން ހަބީބް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށާއި، އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމަށާއި، ޕީޕީއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ހަވާލުކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ މަތީ ކޯޓަކުން ދަށު ކޯޓުގެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރުވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.