ކުޅިވަރު

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ މާނިޔާއަށް ރަން މެޑަލް

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު މާނިޔާ އާދަމް މިއަދު ރަން މެޑަލް ހޯދައިފި އެވެ.

މާނިޔާ ފައިނަލަށް ދިޔައީ މޮންގޯލިއާ އަދި އުރުދުންގެ ކުޅުންތެރިންނާ ވާދަކޮށް އެ މެޗުތައް ވެސް ކާމިޔާބުކޮށްގެންނެވެ.

ޖަރުމަންގެ ބާލިންގައި ކުރިއަށްދާ މިމުބާރާތުގައި މާނިޔާ ރަން މެޑަލް ހޯދީ ފައިނަލްގައި ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާ ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ.

ފުރަތަމަ ސެޓް ކާމިޔާބުކުރީ 19-21 އިންނެވެ. އަދި ދެވަނަ ސެޓް ކާމިޔާބުކުރީ 10-21 އިންނެވެ.

މާނިޔާގެ ކޯޗަކީ ގައުމީ ސީނިއާ ބެޑްމިންޓަން ޓީމުގައި ހިމެނޭ އައިޝަތު އަފްނާން ރަޝީދު (ނާނު) އެވެ.

މާނިޔާގެ މިކާމިޔާބީ އަކީ ސްޕެޝަލް އޮލިމްޕިކްސްގައި ބެޑްމިންޓަންގެ ކުޅުންތެރިޔަކު ފުރަތަމަ ފަހަރަށް ވާދަކޮށް ހޯދި ފުރަތަމަ ރަން މެޑަލް އެވެ.

ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ރަން މެޑަލް ހޯދާފައިވެ އެވެ.