މުހްތާޒު މުހުސިން

ކުރީގެ ޕީޖީ ހައިކޯޓްގައި ތުހުމަތުތަކަށް އިންކާރުކޮށްފި

ކުރީގެ ޕީޖީ މުހުތާޒު މުހުސިން ދޫކޮށްލި މައްސަލަ ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފުކޮށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ހައިކޯޓްގައި ތުހުމަތުތަކަށް އިންކާރު ކުރައްވައިފި އެވެ.

ތުހުމަތުތަކަށް މުހުތާޒު އިންކާރުކޮށްފައިވާއިރު ރޭގައި ފުލުހުން އޭނާ ހައްޔަރުކުރީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ތައްޔާރު ކުރި، "ފޭކް ކޯޓު އަމުރުގެ" މައްސަލާގައި ފުލުހުން އިއްޔެ ފެށި ތަހުގީގަކާ ގުޅިގެންނެވެ.

މިރޭ ކުއްލި ގޮތަކަށް ހައިކޯޓު ހުޅުވައި ބޭއްވި އަޑުއެހުމުގައި މުހުތާޒު ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތަކަށް އެދިފަ އެވެ. ވަކީލުން ހަމަޖެއްސުމަށް މުހުތާޒަށް ވަގުތު ދީފައިވަނީ، މާދަމާ ހެނދުނަށެވެ.

މުހުތާޒު ހައިކޯޓުން ނިކުންނެވުމުން ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވަން ވަނީ އިންކާރު ކުރައްވާފަ އެވެ. މުހުތާޒު ވިދާޅުވީ އޭނާގެ ފަރާތުން ވާހަކަ ދައްކަވަނީ ވަކީލު ކަމަށާއި ވަކީލް ޖަވާބުދާރީވާނެ ކަމަށެވެ.

ކުރީގެ ޕީޖީ އަދި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި މުހުތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން މިއަދު ހަވީރު ޕީޖީއިން ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. މިއީ މިފަދަ މައްސަލައެއް ބަލަން ރާއްޖޭގެ ހައިކޯޓު ރޭގަނޑުގެ މެންދަމު ހުޅުވި ފުރަތަމަ ފަހަރެވެ. މުހުތާޒު ކްރިމިނަލް ކޯޓުން ދޫކޮށްލީ މިއަދު މެންދުރުފަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން އިއްޔެ ބުނެފައި ވަނީ ފޭކް ކޯޓް އަމުރު ނެރެން މަސައްކަތް ކޮށްފައިވަނީ މާލެއިން ބަޔަކު ރާއްޖޭގެ ރަށަކަށް ގޮސް ދަންވަރު 3:00 ގައި މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން މާލެއިން ދިޔަ ބަޔަކާއި ފަނޑިޔާރަކާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސިފައިންގެ އިސްވެރިއަކާ ގުޅުއްވައި ސިފައިން ރައީސް ހައްޔަރު ކުރުމަށް ބާރު އެޅުއްވި ކަމަށް ފުލުހުން ބުނެފައިވާއިރު ނަޝީދުގެ އޮފީހުން ނެރުއްވި ބަޔާނެއް މެދުވެރިކޮށް އެމަނިކުފާނު ވެސް ވަނީ އެކަމަށް އިއުތިރާފުވެ ވަޑައިގެންފަ އެވެ.

މުހުތާޒު ދޫކޮށްލި މައްސަލަ ފުލުހުން ވެސް އިސްތިއުނާފުކުރުމަށް ވަނީ ނިންމާފަ އެވެ. ފޭކް ކޯޓު އަމުރުގެ މައްސަލާގައި އދ. މާމިގިލީ ކޯޓްގެ ގާޒީ، ގއ މާމެންދޫ ވީނަސް، އަހުމަދު ނިހާން، 30، ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހާފަ އެވެ.