ޕީޕީއެމް

ޕީޕީއެމްއާއި ޑިމޮކްރެޓުން ސިޔާސީ މަސައްކަތުގައި ގުޅިއްޖެ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި ރައީސް މުހައްމަދު ނަޝީދުގެ އަޑީގައި ހުންނަވައިގެން އުފައްދަން މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" ގުޅިގެން ސިޔާސީ މަސައްކަތް ކުުރުމަށް ރަސްމީ މަޝްވަރާތައް ފަށައިފި އެވެ.

މީގެފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު 11:00 ޖެހިއިރު ބާއްވާފައިވަނީ މއ. ސައުތު ޝައިންގައި ހިންގަމުންދާ އޯސަން ލައިބްރަރީ ގައެވެ. މި ލައިބްރަރީ އަކީ ރައީސް ނަޝީދުގެ މަސްލަހަތު އޮންނަ ތަނެކެވެ.

މިބައްދަލުވުމަށްފަހު ޕީޕީއެމް ޕީއެންސީގެ އިސްވެރިންނާއި ދަ ޑިމޮކްރެޓްސްގެ އިސްވެރިން އެކުގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ޕީޕީއެމްއާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް މިދިޔަ އަހަރު ރައީސް ނަޝީދު ހުށަހެޅުއްވުމާ ގުޅިގެން އޭރު އިދިކޮޅު ކޯލިޝަނުން ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްއާ ގުޅިގެން ކުރިއަށް ދިއުމަށް މަޝްވަރާ ކުރުމަށް ޖަލުގައި މިވަގުތު ހުންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހުއްދަ ދެއްވާފައިވާ ކަމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅެއް ކަމުގައިވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް އިއްތިހާދު ވާންޖެހުނު ކޮންމެ ބަޔަކާ އެކު އިއްތިހާދު ވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މިތިބީ މިވެރިކަން ބަދަލުވާން އިއްތިހާދު ވާންޖެހުނު މީހަކާ އެކީ އިއްތިހާދު ވެގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ މިވެރިކަން ބަދަލުކުރަން،" އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކަތަކާ އެއްގޮތަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ވަނީ މިވެރިކަން ބަދަލުކުރުމަށްޓަކައި ވާހަކަދައްކަންޖެހޭ މީހުންނާ ވާހަކަދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ.