ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ރައްދެއް ގާސިމަށް: ގާނޫނުން ބޭރެއް ނުވެވޭނެ

ބޭފުޅަކު ކޯފާވި ނަމަވެސް ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބޭރުން އެއްވެސް ބޭފުޅަކަށް އެއްވެސް ކަމެއް ކޮށްނުދެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވި އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކޯފާ އިސްކުރައްވާ ރައީސްއަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ސޯލިހަށް އަމާޒުކުރައްވާ ގާސިމް އިއްޔެ ވިދާޅުވީ "މަތިމައްޗަށް" ރައީސް ސޯލިހް ގޯސް ހައްދަވަމުން ގެންދަވާ ކަމަށެވެ. އެހެންވެ ގާސިމް އެދިވަޑައިގަތީ ރައީސް ސޯލިހް "ގެއަށް ކަނޑާ"ލުމަށެވެ.

ގާސިމްގެ ނުރުހުން ރައީސް ސޯލިހަށް އަމާޒުވީ ވިލާ ގުރޫޕަށް ލިބިފައިވާ އޮތް ވާވެއްދި ފަޅު އެ ކުންފުނިން ވިއްކަން އުޅުމުން އޭސީސީ އިން ހުއްޓުވާފައިވާތީއާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިދިޔަ ދުވަސްތަކުގައި ހުއްޓިފައި އޮތުމުންނެވެ.

ގާސިމް މިއަދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކުންފުނިން ވިއްކަން އުޅުނު ފަޅު ވިއްކުން ހުއްޓުވާ އަދި ރައްޔިތުންގެ މަޖިލިސްވެސް ހުއްޓުވީ ރައީސް ސޯލިހުގެ ސަރުކާރާއި ވެރިކަން ކުރާ އެމްޑީޕީންނެވެ.

"ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ނެތް ގޮބޮޅިއެއްވެސް އަޅާކަށް. މަނިކުފާނު އެހެންވީމާ އިތުރަށް ކުރިމަތިލައްވައިގެން ވެރިކަމަށް ވަޑައިގަންނަވަންށޭ ކިޔާފައި އުޅުއްވުމުގެ މާނައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ފާޑުކިޔުންތަކަށް ރައީސް ރައްދު ދެއްވީ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހޭދަކުރެއްވި މުއްދަތުގައި ކޮންމެ ކަމެއްވެސް ކުރައްވާފައިވާނީ ގާނޫނުއަސާސީއާއި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. މުސްތަގުބަލްގައިވެސް މަސައްކަތް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑަށް ގާނޫނުއަސާސީއަކުން ބޭރެއް ނުވެވޭނެ ކޮންމެ ބޭފުޅަކު ކޯފާވެގެން ވާހަކަ ދެއްކެވިޔަސް. [ކޯފާވުން] އެއީ އެބޭފުޅެއްގެ ކަމެއް،" ގާސިމަށް ނުސީދާކޮށް ރައްދުދެއްވަމުން ރައީސް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނާ ވާހަކަތަކަށްވެސް ރައީސް ރައްދުދެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުން އަމަލުކުރަންވީ ގޮތް އެނގޭނީ އެ އިދާރާތަކަށް ކަމަށެވެ. ސަރުކާރުގެ ނުފޫޒެއް މިނިވަން މުއައްސަސާތަކަށް ނޯންނާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.