ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރުމުން ގޭބަންދުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ އަލުން ޖަލަށް ބަދަލުކުރެއްވުމަށްފަހު ބާއްވާ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ.
އިމްރާނުގެ މައްސަލަ މާދަމާ މެންދުރުފަހު އެކެއް ޖަހާއިރަށް ތާވަލުކޮށްފައިވާ ކަމަށް އިމްރާނުގެ ގާނޫނީ ވަކީލު އަދި އަދާލަތުގެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ.
އިމްރާން ދެ ފަހަރެއްގެ މަތިން ޖަލުގައި ބަންދު ކުރުމަށް ފަހު އަލުން ގެއަށް ބަދަލު ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އިމްރާން ގޭބަންދަށް ބަދަލުކޮށްދިނީ، އެބޭފުޅާ ޑޮކްޓަރުންނަށް ދެއްކުމުގައި ފުލުހުން އިހުމާލުވެފައިވާތީ އާއި އެކަމަށް ދައުލަތަށް ޖަވާބުދާރީނުވެވުމުންނެވެ. އިމްރާން ގޭބަންދަށް ބަދަލުކުރީ ޑޮކްޓަރަށް ދެއްކުމަށް ނަމަވެސް ގެއިން ބޭރަށް ނިކުންނަ ނަމަ ފުލުހުންނަށް އަންގާ ގޮތަށާއި އެގޮތާ ހިލާފުވެއްޖެނަމަ ޖަލަށް ބަދަލުކުރަންވަން ޖެހިދާނެ ކަމަށް ޝަރުތުކޮށްފަ އެވެ. އިމްރާނު އަލުން ޖަލަށް ބަދަލުކުރެއްވި ސަބަބެއް ކްރިމިނަލް ކޯޓުން ބުނެފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އިމްރާން ގެއަށް ބަދަލު ކުރުމަށް ކުރިން ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ދައުވާގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީ އިން ކަނޑައަޅާތަނެއްގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ، މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް އިމްރާން ހިތްވަރުދެއްވި ކަމަށް ބުނެ އެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވައި އިމްރާންގެ މައްޗަށް ވަނީ ދައުލަތުން ހެކި ވެސް ހުށަހަޅައިފަ އެވެ.