އާބަންކޯ

ބިންވެރިޔާ ސްކީމުގެ ކަމެއްގައި ނުގުޅާނެ: އާބަންކޯ

"ބިންވެރިޔާ ސްކީމް"ގެ ކަމެއްގައި އާބަންކޯ އިން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމަށް ބުނެފި އެވެ.

އާބަންކޯ އިން މިހެން ބުނެފައި މިވަނީ މީހުން އޮޅުވާލައިގެން އެކި ކަހަލަ ފޯނު ކޯލްތައް ކޮށްގެން އެތައް ބަޔަކަށް ބަޔަކު ލަނޑުދީފައިފާތީ ސަމާލުވުމުގެ ގޮތުން މިއަދު އާންމުކުރި މެސެޖެއްގަ އެވެ.

ސަރުކާރުން އިއްޔެ ވަނީ "ބިންވެރިޔާ ސްކީމް"ގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފަ އެވެ. އަދި މިސްކީމުގެ ތެރެއިން ފުލެޓް ލިބޭ މީހުންގެ ލިސްޓް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

އާބަންކޯ އިން މިއަދު ބުނީ އެ ކުންފުނީގެ ފަރާތުން "ބިންވެރިޔާ ސްކީމް"ގެ ގޯތި ނުވަތަ ފުލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމަންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށެވެ.

ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމަންޓާއި ބެހޭ އެއްވެސް ލިންކެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަމަށް ސަމާލުވުމަށް ފުލުހުންވެސް ގެންދަނީ ތަކުރާރުކޮށް އެދެމުންނެވެ.