ދުނިޔެ

"ޗައިނާ ސިފައިން 12 މޭލަށް ވަދެއްޖެ ނަމަ ހަމަލާ ދޭނަން"

ޗައިނާގެ ހަނގުރާމަމަތީ ބޯޓުތައް ކަނޑުމަގުން ނުވަތަ ވައިގެ މަގުން ޓައިވާނާ 12 ނޯޓިކަލް މޭލު ކައިރިއަށް އަތުވެއްޖެ ނަމަ ހަމަލާދޭނެ ކަމަށް -- ޓައިވާން ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޓައިވާން ޑިފެންސް މިނިސްޓްރީގެ ހަމަލާތަކާ ބެހޭ ވެެރިޔާ މޭޖާ ޖެނެރަލް ލިންވެން ވިދާޅުވީ ޗައިނާ ސިފައިންގެ ހަރަކާތްތަކަށް ވަރަށް ރަނގަޅަށް ފާރަލަމުންދާ ކަމަށެވެ.

ޓައިވާނުން ކަނޑައަޅާފައި އޮތް ރަތް ރޮނގު ހުރަސްކޮށްފި ނަމަ -- އެއީ ޗައިނާ ކަމަށްވި ނަމަވެސް، ދިފާއީ ހަމަލާ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ލިބަރޭޝަން އާމީ (ޕީއެލްއޭ) އަށް ނިސްބަތްވާ ސިފައިން، ޓައިވާން ސަރަހައްދުގައި ހަރަކާތްތެރިވާ ގޮތް ޓައިވާނުން ދަނީ ވަރަށް ރަނގަޅަށް ބަލަމުންނެވެ.

ޕީއެލްއޭގެ ހަރަކާތްތައް ހުންނަ ގޮތް ޓައިވާނުން ކޮންމެ ދުވަހަކު ވެސް ދުނިޔެއަށް ބްރޯޑްކާސްޓް ކުރެ އެވެ.

ޓައިވާންގެ އަސްކަރިއްޔާއިން ބުނާ ގޮތުން ޕީއެއްލޭގެ ޖެޓްތައް ޓައިވާންއާ 24 ނޯޓިކަލް މޭލު ދުރުގައި އަބަދުހެން އުދުހު އުޅެ އެވެ. ބައެއް ފަހަރު އެއަށް ވުރެ ކައިރިވެ ރަތް ރޮގު ވެސް ހުރަސްކުރެ އެވެ.

ޗައިނާއަށް އިންޒާރު ދިނުމުގައި ޓައިވާން ދެން ނޯންނާނެ ކަމަށް ވެސް ޓައިވާންގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.

ޓައިވާންގެ އަސްކަރިއްޔާއިން ބުނާ ގޮތުން ޗައިނާގެ ހަރަކާތްތައް ހުންނަނީ ޖެއްސުމަކަށް ވާ ގޮތަށެވެ. ބައެއް ފަހަރު ހިލަމެއް ނުވެ ދުވަސްތަކެއް ދިއުމަށް ފަހު -- ޓައިވާންއާ ވަރަށް ގާތަށް ވެސް ފައިޓަރު ޗެޓުތައް ދާ ކަމަށް ވެއެވެ.

ޓައިވާން އަކީ ޗައިނާ ގަބޫލުކުރާ ގޮތުގައި ވަކިން އޮންނަ އެކަމަކު ޗައިނާގެ ބައެކެވެ. އަމިއްލަ ވެރިކަމެއް 1949 ގައި ކުރަމުން ގެންދާ ޓައިވާން އޮންނަން ޖެހޭނީ ޗައިނާ މައި ސަރުކާރުގެ ހިމާޔަތުގައި ކަމަށް ޗައިނާ ގަބޫލުކުރެ އެވެ.

އެހެން ނަމަވެސް، ޗައިނާގެ މި ދައުވާ އަކީ ޓައިވާން ގަބޫލުކުރަން ބޭނުންވާ ކަމެއް ނޫނެވެ. ޓައިވާންގެ އެދުމަކީ މިނިވަން ދައުލަތެއް ގޮތުގައި ދުނިޔެއިން ޓައިވާން ބަލައިގަތުމެވެ. އަދި އދ. އިން ވެސް ޓައިވާނަށް މިނިވަން ދައުލަތެއްގެ ޝަރަފު ދިނުމެވެ.

ޗައިނާގެ ސިޔާސަތު އޮތް ގޮތުން އދ. އަށް އަދި ދުނިޔޭގެ ކޮންމެ ކޮންމެ ގައުމަކަށް ޓައިވާންގެ މި ގޮވާލުން ގަބޫލުކުރާކަށް ނުކެރެ އެވެ. ޗައިނާއިން އަމަލުކުރަމުން ގެންދާ "ވަން ވައިނާ" ސިޔާސަތުގެ ދަށުން -- ޗައިނާ ބުނާ ގޮތް ނޫން ގޮތެއް ހަދައިފި ގައުމަކާ މެދު ޗައިނާ ދެކެނީ ބީރައްޓެހި ގައުމެއް ގޮތުގަ އެވެ.