އީދު ފާހަގަ ކުރުން

ފޯރީގައި އުލްހިޔާ ކަތިލުން ކުރިއަށް ގެންގޮސްފި

Jun 28, 2023

މާލޭ ސިޓީ ކައުންސިލާއި އުރީދޫ މޯލްޑިވްސް ގުޅިގެން މާލޭގައި ފޯރީގައި އުލްހިޔާ ކަތިލުން ކުރިއަށް ގެންގޮސްފި އެވެ.

އުލްހިޔާ ކަތިލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މާލޭ އުސްފަސްގަނޑު ސަރަހައްދުގަ އެވެ.

މި ހަރަކާތުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

އުލްހިޔާ ކަތިލާ މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ.

ބަކަރި ކަތިލުމަށްފަހު އާންމުންނަށް ވަނީ ބަކަރި މަސް ހިލޭ ބަހާފަ އެވެ.

ބޮޑު އީދަށް 100 ބަކަރި ކަތިލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމީ އެ ކައުންސިލުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅިގެން މިދިޔަ އަހަރު ބޮޑު އީދުގައިވެސް މާލެ ސިޓީ ކައުންސިލުން އުލްހިޔާ ކަތިލާފައިވެ އެވެ.