ވިޔަފާރި

މި އަހަރު ޗައިނާއިން ރާއްޖެއަށް ބައި މިލިއަން ޓޫރިސްޓުން އަންނާނެ: ސަފީރު

Feb 9, 2016
  • މި އަހަރުގެ މާކެޓިން ވަނީ ވަރުގަަދަ ކޮށްފައި
  • މިދިޔަ އަހަރު ޗައިނާއިން ހަތަރު ލައްކަ ޓޫރިސްޓުން އައި
  • ޗައިނާ ޓޫރިސްޓުން ގެންނަން ގިނަ މަސައްކަތްތަކެއް ކުރޭ

މި އަހަރު ރާއްޖެ އަށް ޗައިނާއިން ބައި މިލިއަން ޗައިނާ ޓޫރިސްޓުން އަންނާނެ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ފޫކާން ރޭ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައްޔިތުންނަށް އަންނަ އެންމެ ބޮޑު އީދު ކަމަށްވާ "ޗައިނީޒް ނިއު އިޔާ" ފާހަގަ ކުރުމަށް ކ. މާފުށީގައި އިއްޔެ ވާހަކަ ދައްކަވަމުން ޗައިނާ ސަފީރު ވަން ފޫކާން ވިދާޅުވީ މި އަހަރު 500،000 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެ ގައުމުގެ ހަ މިލިއަން މީހުން މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މިއީ ވަރަށް އެކަށީގެންވާ އަދަދެއްހެން. ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން ސުވަރުގެއް ފަދަ މަންޒިލެއް،" ޗައިނާ ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކަވަމުން ފޫކާން ވިދާޅުވި އެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު ހަތަރު ލައްކަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ގިނަ ހަރަކާތްތަކެެއް ހިންގުމަށް ނިންމާފަ އެވެ.