ދުނިޔެ

ޖިއްދާގައި އެމެރިކާގެ ކޮންސިއުލޭޓް ދޮށުގައި ބަޑިޖަހައި މީހަކު މަރައިފި

ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިލޭޓް ދޮށުގައި ހަތިޔާރު ހިފައިގެން ހުރި މީހެއްގެ ގަޔަށް ސެކިޔުރިޓީ ގާޑުން ބަޑިޖަހައި މަރާލައިފި އެވެ.

ސައޫދީ ނޫސް އޭޖެންސީ ބުނާ ގޮތުން އެމެރިކާ ކޮންސިއުލޭޓް ދޮށަށް ކާރެއް މަޑުކޮށް ހަތިޔާރު ހިފައިގެން ނުކުމެ އެ ތަނުގައި ތިބި ގާޑުންނަށް ހަމަލާދޭން އުޅުމުގެ ތެރޭގައި -- ކާރުގައި ދިޔަ މީހާ ވަނީ މަރުވެފަ އެވެ.

ކޮންސިއުލޭޓް ގާޑުން ބުނާ ގޮތުން ހަަމަލާދިނީ ހާލާތާ ގުޅޭ ގޮތުން ރައްކާތެރިވުމުގެ ގޮތުންނެވެ. އެއީ ރައްދު ހަމަލާއެއް ކަމަށް ވެސް ގާޑުން ބުނެ އެވެ.

ހަތިޔާރު އަޅައިގެން ހުރި މީހާއާ ގުޅޭ ތަފުސީލު އަދި ހާމައެއް ނުކުރެވެ.

މި ހާދިސާގައި ކޮންސިއުލޭޓްގައި ގާޑަކަށް މަސައްކަތްކުރާ ނޭޕާލު މީހެއްގެ ގަޔަށް ހަމަލާ އަަރައި ވަރަށް ބޮޑަށް ޒަހަމްވި އެވެ. އަދި ފަރުވާދެނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ހާދިސާ މިހާރު ވަނީ ތަހުގީގުކުރަން ފަށާފަ އެވެ. މި ކަމުގެ ފަހަތުގައި އޮތީ ކޮން ހިތްވަރެއްތޯ ބެލުމަށް ސައުދީން ވެސް ވަނީ މަސައްކަތް ފަށާފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުން ކޮންސިއުލޭޓް ތަޅުލާފައި ހުރުމުން ހަތިޔާރު އެޅި މީހާއަށް އެތެރެއަށް ވަދެވޭ ގޮތެއް ނުވި އެވެ. އަދި ކޮންސިއުލޭޓް ތަޅުލާފައި ބެހެއްޓުމަކީ ވަކި ހާލަތެއް ދިމާވެގެން ކުރި ކަމެއް ނޫން ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.