ޓޫރިޒަމް

ފަތުރުވެރިކަން 14 ޕަސަންޓް ކުރިއަރައިފި

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަށްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މުއްދަތަށްވުރެ 14.2 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 920،156 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 805،998 ފަތުރުވެރިންނަށްވުރެ 14.2 ޕަސަންޓް އިތުރުވުމެކެވެ.

ފަތުރުވެރިންގެ އަދަދު ޖޫން މަސް ފެށުނުއިރު ހީނަރުވި ނަމަވެސް މަހުގެ ފަހުކޮޅު އެ އަދަދުތައް ވަނީ ރަނގަޅުވާން ފަށާފަ އެވެ.

އެގޮތުން ޖޫން މަހުގެ ފުރަތަމަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށް 110،912 ފަތުރުވެރިން ޒިޔާރަތްކުރިއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއައި 103،664 ފަތުރުވެރިންނަށްވުރެ ހަތް ޕަސަންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • އިންޑިއާ - 109،190 ފަތުރުވެރިން
  • ރަޝިއާ - 107،985 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 79،913 ފަތުރުވެރިން
  • ޖަރުމަނު - 65،757 ފަތުރުވެރިން
  • އިޓަލީ - 64،097 ފަތުރުވެރިން
  • ޗައިނާ - 62،051 ފަތުރުވެރިން
  • އެމެރިކާ - 38،337 ފަތުރުވެރިން
  • ފްރާންސް - 30،361 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 19،873 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 17،255 ފަތުރުވެރިން

ރާއްޖޭގައި ފަތުރުވެރިކަމަށް 1،249 ފެސިލިޓީ ދަނީ ބޭނުންކުރަމުންނެވެ.

އޭގެ ތެރޭގައި 170 ރިސޯޓާއި 906 ގެސްޓްހައުސް އާއި 160 ސަފާރީ އަދި 13 ހޮޓާ ހިމެނެ އެވެ.